ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސް ޑައިރެކްޓްރޭޓްގެ ނަން "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" އަށް ބަދަލުކުރުމަށް ފުލުހުންގެ މުއައްސަސާއިން ނިންމި ނިންމުމަކީ، އެކަށީގެންވާ ގާނޫނީ ބިންގަލެއް ނެތް، އަދި އޮޅުންބޮޅުން ބޮޑު ނިންމުމެއް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިންގުން ހަރުދަނާކުރުމުގެ ބޭނުމުގައި މި މަހުން ފެށިގެން އެ މުއައްސަސާގެ އިދާރީ އޮނިގަނޑަށް ގެނައި މި ބަދަލާ ގުޅިގެން ހަމީދު ފާޅުކުރެއްވި ކަންބޮޑުވުންތަކުގައި، އިންޓެލިޖެންސްގެ ނަމަށް "ނޭޝަނަލް" ނުވަތަ "ގައުމީ" މި ބަސް އިތުރުކުރުމުން ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ ކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ.

ފުލުހުންގެ ތެރޭގައި ވަރުގަދަ އިންޓެލިޖެންސް ނިޒާމެއް އޮތުމަކީ ޒަމާނީ ފުލުހުންގެ ޚިދުމަތަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ، އެ ނިޒާމަށް "ގައުމީ" ނަން ދިނުމަކީ ބޮޑު ތަފާތެއް ހުރި ކަމެއް ކަމަށެވެ.

ސަލާމަތީ ދާއިރާގައި ބޭނުންކުރާ ނަންތަކަކީ އެ މުއައްސަސާއެއްގެ ބާރާއި، މަސްއޫލިއްޔަތާއި، އިޚްތިސާސާއި ޒިންމާތައް އެކުލެވިގެންވާ ނަންތަކަކަށް ވާއިރު، ފުލުހުންގެ އިންޓެލިޖެންސްގެ ނަމަކަށް "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" ކަނޑައެޅުމުން، މުޅި ގައުމުގެ އިންޓެލިޖެންސްގެ އެންމެ އިސް މުއައްސަސާއަކީ ފުލުހުން ކަމަށް ދޭހަވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ގައުމީ ފެންވަރުގެ އިންޓެލިޖެންސް މުއައްސަސާއެއް އުފައްދައި، އޭގެ މަސްއޫލިއްޔަތުތަކާއި އިންތައް ބަޔާންކުރާ ގައުމީ އިންޓެލިޖެންސްގެ ގާނޫނެއް މިވަގުތު ނެތްކަން ހަމީދު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ގާނޫނީ ހަމައެއް ނެތި މިފަދަ ނަމެއް ބޭނުންކުރުމަކީ ބޭރުގެ ފަރާތްތަކުގެ މެދުގައި ވެސް ނުބައި ތަސައްވުރެއް އުފެދިދާނެ ކަމެއް ކަމަށާއި، ގައުމީ އިންޓެލިޖެންސް ޚިދުމަތެއް އުފެއްދުމަކީ ފުލުހުންގެ އެތެރޭގެ އޮނިގަނޑަށް ގެންނަ ބަދަލަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ގާނޫނާއި ސިޔާސަތުތަކުގެ ދަށުން، ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިހާރުގެ ސަލާމަތީ އޮނިގަނޑު އޮތްގޮތުން، ފުލުހުންގެ އިތުރުން އެމްއެންޑީއެފް، ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ އިދާރާތަކުން ވެސް އިންޓެލިޖެންސްގެ މުހިންމު ޒިންމާތަކެއް އުފުލައެވެ.

އެހެންކަމުން، މިވަގުތު އެންމެ ބޭނުންވަނީ އެއް މުއައްސަސާއަކުން ހުރިހާ ބާރެއް ހޯދުމުގެ ބަދަލުގައި، އެ ހުރިހާ އިދާރާތަކެއް ވިލަރެސްކުރާނެ ހަރުދަނާ ގައުމީ އޮނިގަނޑެއް ކަމަށް ހަމީދު އިތުރަށް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު