ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ، ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ރޭޓިންގ މަތިކުރުމަކީ ރާއްޖޭގެ އިޤްތިޞާދީ މިޞްރާބާމެދު އޮތް އިތުބާރު އަލުން އާވެގެންދިޔަ ކަމުގެ ވަރުގަދަ ހެއްކެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކް މިދިޔަ އޭޕްރީލް މަހު ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައިވާތީ، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ރިއާޔަތްކޮށް ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މިހާރު ވަނީ މަތިކޮށްފައެވެ. މިކަމާ ގުޅިގެން މިނިސްޓަރު ސަޢީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ގޮންޖެހުންތަކުން ފުރިގެންވާ ދަނޑިވަޅެއްގައި ސަރުކާރުން ގެންގުޅުއްވާ ސާބިތު އަދި ޒިންމާދާރު ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ. އަދި މި ކުރިއެރުމަކީ އިޤްތިޞާދީ ވަރުގަދަކަން ދަމަހައްޓައި، ދިގުމުއްދަތަކަށް ކުރިމަގު ބައްޓަންކުރުމަށް ސަރުކާރުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދިން މާނަވީ ބަލައިގަތުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.



މިނިސްޓަރު ސަޢީދުގެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުލަތުގެ މާލީ ނިޒާމު އިޞްލާޙުކުރުމަށާއި، މެކްރޯއިކޮނޮމިކް ހަމަޖެހުން ޤާއިމުކުރުމުގެ އިތުރުން އިންވެސްޓަރުންގެ އިތުބާރު ހޯއްދެވުމުގައި ދައްކަވަމުންދާ ސާބިތުކަމާއި ނަމޫނާ ލީޑަރޝިޕަށް ވަނީ ތަޢުރީފު ކުރައްވާފައެވެ.

މީގެއިތުރުން، ނޮވެމްބަރު 2023 ގެ ކުރިން، އެމްޑީޕީ ސަރުކާރުގައި އުފެދިފައިވާ ދެމެހެއްޓެނިވި ނޫން ބޮޑު ދަރަންޏާއެކު ވާރުތަވި މާލީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވައި، އެކަންކަން ޙައްލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވި ކެތްތެރިކަމާއި ހިތްވަރުގަދަ ސާބިތުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މުހިންމު ކާމިޔާބީއާ ގުޅިގެން މިނިސްޓަރު ސަޢީދު ވަނީ ރައީސް ޑރ. މުޢިއްޒަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ވިދާޅުވެފައެވެ.

ފިޗުން މިއަދު އިއުލާންކުރި ގޮތުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ 'ސީސީ' އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ 'ސީސީސީ މައިނަސް'އަށް ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު