ޕިލިޕިންސް ގައި ބަޑީގެ ހަމަލާ ދިން ސްކޫލް
ޕިލިޕިންސް ގައި ބަޑީގެ ހަމަލާ ދިން ސްކޫލް
ފިލިޕީންސްގެ މެދުތެރޭގެ ރަށެއް ކަމަށްވާ ޓެކްލޯބަން ސިޓީގެ ހައިސްކޫލެއްގެ ކްލާސް ރޫމެއްގެ ތެރޭގައި، އުމުރުން 14 އަހަރާއި 15 އަހަރުގެ ދެ ފިރިހެން ކުއްޖަކު ދިން ބަޑީގެ ހަމަލާއެއްގައި ތިން ދަރިވަރުން މަރުވެ، އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ސެން ހޯސޭ ނޭޝަނަލް ހައިސްކޫލުގައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ދެ ކުދިން ކްލާސް ރޫމަށް ވަދެ ކުއްލި ގޮތަކަށް ބަޑިޖަހަން ފެށީއެވެ. މި ހަމަލާގައި ތިން ދަރިވަރުން މަރުވިއިރު، ބަޑީގެ ވަޒަން އަރައިގެން ތިން ދަރިވަރަކަށް އަނިޔާވިއެވެ.

އަދި ހަމަލާއިން ސަލާމަތްވާން އުޅުމުގެ ތެރޭގައި އިތުރު ހަތަރު ކުއްޖަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. މި ހަމަލާ ދިން އެއް ކުއްޖަކު ހާދިސާ ހިނގި ތަނުން ހައްޔަރުކޮށްފައިވާއިރު، އަނެއް ކުއްޖާ ފަހުން ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ.

ތަހުގީގުން އެނގިފައިވާ ގޮތުގައި، މި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ .38 ގެ ރިވޯލްވަރަކާއި 9 އެމްއެމްގެ ފިސްތޯލައެކެވެ. މީގެ ތެރެއިން އެއް ހަތިޔާރަކީ ތުހުމަތު ކުރެވޭ އެއް ކުއްޖެއްގެ ތިމާގެ މީހެއް ކަމަށްވާ އަންހެން ފުލުހެއްގެ ހަތިޔާރެކެވެ. އެ ފުލުސް މީހާ މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ.

ފުލުހުންގެ ތަރުޖަމާނު ކާނަލް އެލަން ރޭ ކޯ ވިދާޅުވި ގޮތުގައި، ހަމަލާދިން ކުދިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ބަޑިޖަހާ މަންޒަރު ފެންނަ ވީޑިއޯތައް ފެނިފައިވެއެވެ. މިއީ އެ ކުދިންގެ ފަރާތުން ފެނުނު ނުރައްކާތެރި ނިޝާންތަކެއް ކަމަށާއި، މިކަމަށް ކުރިން ސަމާލުކަން ދެވުނު ނަމަ މި ހިތާމަވެރި ހާދިސާ ހުއްޓުވުނީސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާދިސާގައި މަރުވި 15 އަހަރުގެ ކުއްޖެއްގެ މަންމަ ވަނީ، ކުޑަކުދިންގެ އަތަށް ހަތިޔާރު ލިބުމަށް މަގުފަހިވި ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި ކަމާބެހޭ ފަރާތްތަކުން ވަނީ ހަތިޔާރު ގެންގުޅޭ މީހުން އެ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށާއި، ދަރިންގެ އުޅުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއާގެ ފަރާތުން މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކޮށްފައިވާއިރު، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގެ ސަލާމަތީ ކަންކަމާއި ބުލީކުރުމާ ދެކޮޅު ސިޔާސަތުތައް ވަގުތުން މުރާޖައާ ކުރަން ފަށާފައެވެ. ފިލިޕީންސްގައި ބަޑީގެ ހަމަލާތައް ދިނުމަކީ އާންމު ކަމެއް ނަމަވެސް، ސްކޫލްތަކުގެ ތެރޭގައި މިފަދަ ހަމަލާތައް ދިނުމަކީ އެ ގައުމުގައި ވަރަށް މަދުން ނޫނީ ނުހިނގާ ހާދިސާއެކެވެ.



ކިޔުންތެރިންގެ ހިޔާލު