ލިއޮނަލް މާޓޯސް މަބަކިއާއޯ
ލިއޮނަލް މާޓޯސް މަބަކިއާއޯ
ތިމާ ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި 12 އަހަރު ދުވަހުގެ ދިގު މުއްދަތެއްގައި މެދުކެނޑުމެއްނެތި ކުރި ބުރަ މަސައްކަތް ކާމިޔާބުވެ، ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ ލިއޮނަލް މާޓޯސް މަބަކިއާއޯ މިއަދު ވަނީ ސަނަދު ލިބިފައިވާ މުދައްރިސަކަށް ވެފައެވެ.

ތަކުރާރުކޮށް 16 ފަހަރު ކުރިމަތިވި ނާކާމިޔާބީތަކާ އެކުވެސް ހިތްވަރު އެލުވައިނުލައި އޭނާ ހޯދި މި ކާމިޔާބީއަކީ އެތައް ބަޔަކަށް ޢިބްރަތްތެރި ފިލާވަޅެކެވެ.

ކާޑިޒް ސިޓީއަށް ނިސްބަތްވާ މަބަކިއާއޯ، ޓީޗަރުންގެ ލައިސަންސިންގ އިމްތިޙާން އިން ފާސްވުމަށްޓަކައި 17 ފަހަރު މަސައްކަތް ކުރިއެވެ.

މީޑިއާއަށް މަޢުލޫމާތު ދެމުން އޭނާ ހާމަކުރި ގޮތުގައި، 16 ފަހަރު ފެއިލްވުމުން ވެސް ހިތްވަރު އެލުވައިނުލައި ކުރި މި ދިގު އިންތިޒާރަށް ނިމުމެއް އައިސް ކާމިޔާބީއާ ހަމައަށް ވާސިލުވެވުނީ، އޭނާގެ ކެތްތެރިކަމާއި، ސާބިތުކަމާއި އަދި ކުރަމުންދިޔަ މަތިވެރި އުއްމީދުތަކުގެ ސަބަބުންނެވެ.

މަބަކިއާއޯ 2010 ވަނަ އަހަރު ތަޢުލީމީ ދާއިރާއިން ފުރަތަމަ ޑިގްރީ ފުރިހަމަކުރީ، ކުދިންނަށް އުނގަންނައިދިނުމުގެ ޚިދުމަތުގައި ދެމިހުރުމުގެ މަތިވެރި އަޒުމުގައެވެ. ނަމަވެސް އެ އަހަރުން ފެށިގެން ކުރިމަތިލާން ޖެހުނީ އިލްމީ ގޮތުންނާއި ނަފްސާނީ ގޮތުން އޭނާގެ ކެތްތެރިކަން އިމްތިޙާނު ކުރެވިގެންދިޔަ ދަތުރަކާއެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް އެކި ސިޓީތަކަށް ދަތުރުކުރުމާއި، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން އުފުލަންޖެހުނު ތަކުލީފުތަކަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އެހެން މީހުން ފާސްވަމުންދިޔަ މަންޒަރު ފެނުމުން އަމިއްލަ ނަފްސާމެދު ޝައްކު އުފެދި، މާޔޫސްވި ވަގުތުތައް ވެސް ދިޔައެވެ. އެހެންނަމަވެސް، އުއްމީދު ކަނޑައިނުލައި، އާއިލާއަށްޓަކައި އަދާކުރަންޖެހޭ ޒިންމާތައް އިސްކޮށް އޭނާގެ އަޒުމު ވަރުގަދަކުރިއެވެ.

ހިތްދަތިވެ މާޔޫސްވާ ކޮންމެ ވަގުތަކުވެސް އޭނާ ހިތްހަމަޖެހުން ހޯދީ އަޅުކަމުގެ ތެރެއިންނެވެ. އޭނާ އަބަދުވެސް ޤަބޫލުކުރީ، އެކަށީގެންވާ ވަގުތު ޖެހުމުން ކާމިޔާބީ ލިބޭނެ ކަމަށެވެ.

އެތައް އަހަރެއްގެ މިންނެތް މަސައްކަތާއި ކެތްތެރިކަމަށްފަހު، 17 ވަނަ ފަހަރަށް ބައިވެރިވި އިމްތިޙާނުގައި އޭނާ އަށް ކާމިޔާބު ވެއްޖެކަން އެގުނު ވަގުތު އޭނާއަށްވަނީ އުފަލުން ރޮވި، އަމިއްލަ ނަފްސަށާއި އަދި އޭނާއަށް އެހީތެރިވެ، ހިތްވަރުދެމުންއައި އެކުވެރިންނާއި ގާތްތިމާގެ މީހުންނަށް ޝުކުރުއަދާކޮށްފައެވެ.

މިއަދު އުމުރުން 37 އަހަރުގެ މަބަކިއާއޯ އަކީ އިމްތިޙާނުތައް ބަލަހައްޓާ އިސް އޮފިޝަލެއްގެ އިތުރުން، އެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދަމުން އަންނަ ނަމޫނާ ޓީޗަރެކެވެ.

އޭނާގެ މި ތަޖުރިބާއިން އެންމެހައި މީހުންނަށް ދޭން އޮތް މެސެޖަކީ: "ދުވަހަކުވެސް އުއްމީދު ކަނޑައިނުލާށެވެ. ކޮންމެ ކަމެއްވެސް ޙާޞިލުވާނީ އެކަމަކަށް އެންމެ އެކަށޭނަ ވަގުތު ޖެހުމުންނެވެ."



ކިޔުންތެރިންގެ ހިޔާލު