އީޖިޕްޓުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހޮސާމް
އީޖިޕްޓުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހޮސާމް
އީޖިޕްޓުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހޮސާމް ހަސަން، ފަލަސްތީނުގެ ރައްޔިތުންނަށް އޭނާގެ ފުރިހަމަ ތާއީދާއި ހަމްދަރުދީ އޮތްކަން އަނެއްކާވެސް ހާމަކޮށް، އިޒްރޭލުގެ ފާޑުކިޔުންތަކަށް ވަރުގަދަ ރައްދެއް ދީފިއެވެ.

މި އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އީޖިޕްޓުން ހޯދި ކާމިޔާބީއަށްފަހު، ހޮސާމް ހަސަން ވަނީ ފަލަސްތީނުގެ ދިދަ ދައްކައި، އެ ކާމިޔާބީ އެ ގައުމުގެ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ. މިކަމާ ގުޅިގެން އިޒްރޭލުގެ ބައެއް ފަރާތްތަކުން އޭނާއަށް ފާޑުކިޔާފައި ވަނިކޮށް، އާޖެންޓީނާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލާފައެވެ.

"ކޮންމެ މީހަކަށްވެސް އިހުސާސްތަކެއް ހުންނާނެ. އަދި ދުނިޔޭގެ ކޮންމެ މީހަކު ވިޔަސް، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަމާ މެދު ހަމްދަރުދީ ނުވާނަމަ، އެމީހަކީ އިންސާނެއްގެ ގޮތުގައި ބެލެވުމުގެ ހައްގު އޮތް މީހެއް ނޫން،" ހޮސާމް ހަސަން ބުންޏެވެ.

މީގެ އިތުރުން ހޮސާމް ހަސަން ވަނީ ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ފަރަގުކުރުމުގެ ސިޔާސަތަށްވެސް ފާޑުކިޔާފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، ޔޫރަޕާއި އެމެރިކާގައި ޖަނަވާރަކަށް އަނިޔާއެއް ލިބުނު ނަމަވެސް އެކަމާ ދެކޮޅަށް ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރާ ފަރާތްތަކުން، ފަލަސްތީނުގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދުވަމުންދާއިރު އެކަމާ ދެކޮޅަށް ފިޔަވަޅު ނާޅާ ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ހޮސާމް ހަސަން ފަލަސްތީނުގެ ދިދަ ދެއްކި މައްސަލާގައި ފީފާއިން އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ނާޅާކަމަށް ރިޕޯޓުތައް ބުނެއެވެ. ފީފާއިން ބުނި ގޮތުގައި ފަލަސްތީނަކީ އެ އިދާރާގެ މެންބަރު ގައުމަކަށް ވާތީ، އެ ގައުމުގެ ދިދަ ބޭނުންކުރުމަކީ ފީފާގެ އެއްވެސް ގަވާއިދަކާ ހިލާފު ކަމެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު