މަސްޖިދު ޒުލައިޚާ މުޙައްމަދު
މަސްޖިދު ޒުލައިޚާ މުޙައްމަދު
އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތަކީ ކީރިތި ޤުރްއާން ކަމަށާއި، އެ ފޮތަކީ ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން" މި މައުޟޫޢަށް ރާއްޖޭގެ އެކިކަނބަލިތަކުގައި އިއްވި ޚުތުބާގައި ވަނީ، ޤުރްއާނުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއްނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއްކަން ފާހަގަކޮށްފައެވެ.

މިއަދުގެ ޚުތުބާގައި ބުނީ، ކީރިތި ޤުރްއާން ތިލާވަތު ކުރުމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެއް ކަމަށެވެ. އަދި އެއީ ބަލިތަކަށް އޮތް ޝިފާއެއްކަން ފާހަގަކޮށް، މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނަ ޚުތުބާގައި ޛިކުރުކޮށްފައިވެއެވެ. އެއީ: "ހަމަށަވަރުން، ﷲގެ ފޮތް ކިޔަވައި، އަދި ނަމާދު قائمކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތީން ސިއްރާއި ފާޅުގައި ހޭދަކޮށް އުޅޭ މީހުންނީ، ގެއްލުންނުވާނޭ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ."

މީގެ އިތުރުން، ޤުރްއާން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ ޘަވާބު ލިބޭނެކަން ބަޔާންކޮށް، ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއް ޚުތުބާގައި ހަނދާންކޮށްދިނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި ގޮތުގައި "ا لـم" އަކީ އެއް އަކުރެއް ނޫނެވެ. ނަމަވެސް އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ ވެސް އަކުރެކެވެ. ކޮންމެ އަކުރަކަށްމެ ދިހަ ހެޔޮކަން ލިބޭނެއެވެ.

މުސްލިމް އަޚުންނަށް މުޚާޠަބުކޮށް ޚުތުބާގައި ބުނީ، ޤުރްއާން ކިޔަވައި އޭގެ މާނައަށް ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެވަޑައިގެން ހެޔޮ ދުޢާކުރަށްވާނެ ކަމަށެވެ. އަދި ޝައިޠާނާގެ ވަސްވާސްތަކުން އެބައިމީހުން ރައްކާތެރިކޮށްދެއްވައި، މާތް ﷲގެ ރަޙުމަތާއި ފާފަފުއްސެވުމުގެ ހިޔާވަހިކަން ލިބިގެންދާނެއެވެ. މިސްކިތްތަކުގައި ޤުރްއާން ކިޔަވައި އުނގެނޭ މީހުންގެ މައްޗަށް ހިތްހަމަޖެހުމާއި މަޑުމޮޅިކަން ފައިބާނެ ކަމަށްވެސް ޚުތުބާގައި ބަޔާންކުރިއެވެ.

ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ޤުރްއާނާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން، اَلْإِمަާމު اِبْنު الْقَيِّم ގެ ބަސްފުޅެއް ޚުތުބާގައި ހިމަނާފައިވެއެވެ. އެއީ ހިތުގެ ބާރުގަދަވީ ވަރަކަށް ހަށިގަނޑުގެ ބާރާއި ދިރުން އިތުރުވާ ކަމެވެ. ޛިކުރު ކުރުމުން، ކުރިން އުނދަގޫވާނެ ކަމަށް ހީވި ކަންކަން ވެސް ފަސޭހަކަމާއެކު ފުރިހަމަކުރުމުގެ ތައުފީޤު ލިބޭނެއެވެ.

ޚުތުބާ ނިންމާލަމުން ވަނީ ޤުރްއާން ކިޔެވުމުގައި ހުނަރުވެރި މީހުންނާއި، އުނދަގުލާއެކު ކިޔަވާ މީހުންނަށް ވެސް މާތް ﷲ ދަރުމަ ދެއްވާނެކަން ހަނދާންކޮށް ދީފައެވެ. ހުނަރުވެރިކަމާއެކު ކިޔަވާ މީހާ މަލާއިކަތުންނާއެކު ވާއިރު، އުނދަގުލާއެކު އަޅައަޅައިގަނެގެން ކިޔަވާ މީހާއަށް ދެ ދަރުމަ ލިބިގެންވާކަން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުން ސާބިތުވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު