ގުރުއަތުން ހޮވުނު އައިޝަތު ޝީރާޒް މުހައްމަދު
ގުރުއަތުން ހޮވުނު އައިޝަތު ޝީރާޒް މުހައްމަދު
ފީފާ ވޯލްޑް ކަޕް ފައިނަލް މެޗު ބެލުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ފޯރިގަދަ ހަރަކާތުގެ ތެރެއިން، ގުރުއަތުން ހޮވުނު ނަސީބުވެރިއަކަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ފަރާތްޕުޅުން ޚާއްޞަ އުމްރާ ދަތުރެއް ހަދިޔާކޮށްފިއެވެ.

ފައިސަލް ފައުންޑޭޝަނުގެ އިސްނެގުމަކަށް، ފުވައްމުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ބޭއްވި މި ފޯރިގަދަ ހަރަކާތުގައި، ގުރުއަތުން ހޮވުނު ނަސީބުވެރިއަކީ އެ ސިޓީއަށް ނިސްބަތްވާ އައިޝަތު ޝީރާޒް މުހައްމަދެވެ. މި ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މެޗުގެ ފުރަތަމަ ހާފުން ފެށިގެން މެޗު ނިމެންދެން އެ ސަރަހައްދުގައި މަޑުކޮށް، ފޯރިއާއެކު މެޗު ބެލި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުންނެވެ.

މި އިވެންޓް އެންމެ ފުރަތަމަ ބޭއްވުމަށް ރޭވީ ފުވައްމުލަކު ސްކޫލްގެ ހޯލުގައެވެ. ނަމަވެސް، ހަރަކާތް ބޭއްވުމުގެ އެންމެ ފަހު ވަގުތު ސަރުކާރުން އެ ހޯލު އަތުލާފައިވާތީ، މި ހަރަކާތް ފަހުން ބާއްވާފައިވަނީ ފުވައްމުލަކު މާދަޑު ސްޕޯޓްސް ޕާކުގައެވެ. ތަން ބަދަލުވި ނަމަވެސް، ރައްޔިތުންގެ ފަރާތުން މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ފާހަގަކުރެވެއެވެ.



މެޗުގެ ފޯރިގަދަ ވަގުތުތައް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލެއްވީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނާއެކު އެއް ސަފެއްގައި ހުންނަވައިގެންނެވެ. އެމަނިކުފާނު ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައި، މެޗުގެ އުފާވެރިކަމުގައި ބައިވެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު