އިރު ކޭތަ
އިރު ކޭތަ
ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރުގެ އަގަސްޓު މަހުގެ 2 ވަނަ ދުވަހު ޓޮޓަލް ސޯލަރ އެކްލިޕްސް ދެކެލުމަށް އެ ޤައުމުން ވަނީ ފުރިހަމައަށް ތައްޔާރުވާން ފަށާފައެވެ.

ރިޕޯޓުތައް ބުނާގޮތުން މިއީ މީގެ 75 އަހަރު ކުރިން، ސައުދީ އަރަބިއްޔާގެ ބިމަށް މުޅިން އަނދިރިކަން ވެރިވެގެންދިޔަ ތާރީޚީ ހާދިސާއަށްފަހު، މިފަދަ ފުރިހަމަ ކޭތައެއް އެ ޤައުމުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

މި އިރުކޭތަ ހިފާ ވަގުތުގައި ކުއްލިއަކަށް ބޮޑު އަނދިރިކަމެއް ވެރިވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އިރުކޭތަ ހިފާ ވަގުތުގައި އަބްހާއާއި ޖިއްދާ ހިމެނޭހެން، ސައުދީ އަރަބިއްޔާގެ ހުޅަނގާއި ދެކުނުގެ ސަރަހައްދުތަކަށް އިރު މުޅިން ފޮރުވިގެންދާ މަންޒަރު ފެނިގެންދާނެކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ. އަދި މިގޮތަށް މުޅިން އަނދިރިވެފައި އޮންނަ ވަގުތު ގާތްގަނޑަކަށް ހަ މިނެޓަށް ދެމިގެންދާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ކޭތަ ހިފާ ވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސައިންސްވެރިންނާއި ތަރިތަކަށް ލޯބިކުރާ ފަރާތްތަކަށް އިރުގެ އެންމެ ބޭރުގައިވާ އަލިގަދަ ފަށަލަ ނުވަތަ ކޮރޯނާ ވަރަށް ގާތުން ދިރާސާކުރުމަށް ފުރިހަމަ ފުރުސަތެއް ލިބިގެންދާނެއެވެ.

މިފަދަ އާދަޔާ ހިލާފު ކޮސްމިކް ނުވަތަ ޖައްވީ ބޮޑު މަންޒަރެއް ބަލާއިރު ރައްކާތެރި އާލާތްތައް ބޭނުންކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންނަށް ބާރުއަޅާފައެވެ. އެގޮތުން ލޮލަށް ގެއްލުން ލިބުނަ ނުދިނުމަށްޓަކައި މިކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސެޓްފިކެޓް ލިބިފައިވާ ރައްކާތެރި ސާމާނު ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދީފައެވެ.



ކިޔުންތެރިންގެ ހިޔާލު