މިނިސްޓަރ އިރުތިޝާމް އާދަމް: އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގެ ބައްދަލުވުމުގައި ތަގުރީރުކުރައްވަނީ
މިނިސްޓަރ އިރުތިޝާމް އާދަމް: އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގެ ބައްދަލުވުމުގައި ތަގުރީރުކުރައްވަނީ
ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ޙޫޘީ ހަނގުރާމަވެރިން ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި މހުގެ 10 ވަނަ ދުވަހު ދިން މި ފިނޑި ހަމަލާގެ ސަބަބުން، އެއާޕޯޓުގައި ތިބި އާންމު ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ ފުރާނަ ގެއްލި، ސަތޭކައަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މި ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އާންމު ރައްޔިތުންނަށާއި، ގައުމުތަކުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސީރިއަސް ބޮޑު ކުށެއް ކަމަށެވެ. އަދި މިއީ ސަޢޫދީ ޢަރަބިއްޔާގެ އިތުރުން މުޅި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ވެސް އޮތް ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް، އަދި ވަކިން ޚާއްޞަކޮށް މި ހަމަލާގައި ފުރާނަ ގެއްލިދިޔަ ފަރާތްތަކުގެ އާއިލާތަކަށް އިޚްލާޞްތެރި ތައުޒިޔާ ވަނީ ފޮނުވާފައެވެ. އަދި މި ހާދިސާގައި އަނިޔާވި އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއަކަށް ދިވެހި ސަރުކާރުން ވަނީ އެދިވަޑައިގެންފައެވެ.

ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާ އެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައިކަން ހާމަކުރައްވަމުން މިނިސްޓްރީން ވަނީ، ސަޢޫދީގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށާއި، އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެކަން ކަށަވަރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު