އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ
ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާ ދިވެހި ރައްޔިތަކު، އާސަންދަ ހިދުމަތް މެދުވެރިކޮށް ލިބެންޖެހޭ ކޮންމެހެން ބޭނުންތެރި އިމިއުނޯތެރަޕީ ބޭސް ލިބުން ލަސްވުމުގެ ސަބަބުން ތަހައްމަލު ކުރަންޖެހިފައިވާ އުނދަގޫތަކާއި ކަންބޮޑުވުންތައް މީސް މީޑިއާގައި ހިއްސާކޮށްފިއެވެ.

ބަލިމީހާ ހާމަކުރި ގޮތުގައި، އޭނާގެ ދިފާއީ ނިޒާމު އާދަޔާ ހިލާފަށް މަސައްކަތްކުރާ ކަން 2025 ވަނަ އަހަރު އެނގުނު ފަހުން، ޑޮކްޓަރުން ވަނީ ކޮންމެ 14 ދުވަހަކުން "ޑިއުޕިކްސެންޓް 300 އެމްޖީ" ގެ އިންޖެކްޝަނެއް ޖެހުމަށް އިރުޝާދު ދެއްވާފައެވެ.





އޭނާ ހާމަކުރި ގޮތުގައި، ސެޕްޓެމްބަރު 2025 އިން ފެށިގެން ފެބްރުއަރީ 2026 އާ ހަމައަށް އެކި ގޮތްގޮތުން މަސައްކަތްކޮށްގެންވެސް އާސަންދައިގެ ދަށުން އެ ބޭސް ހަމަޖެހިފައެއް ނުވެއެވެ. އެ ބޭސް އާސަންދައިން އެންމެ ފުރަތަމަ ހަމަޖެހުނީ އިންތިޚާބީ ދުވަސްވަރު ސިޔާސީ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތުން، މާޗް 2026 ގައެވެ.

ފުރަތަމަ ލިބުނު 3 މަސްދުވަހުގެ ބޭސް ބޭނުންކުރުމުން މެއި މަހާ ހަމައަށް ދިޔައިރު ސިއްހީ ހާލަތަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށް އޭނާ ބުންޏެވެ. މި ދުވަސްވަރު ކ. ގުރައިދޫ ސިއްހީ މަރުކަޒުން އޭނާގެ އިންޖެކްޝަން ޑޯޒެއް އޮޅުމަކުން ބޭކާރުވި ނަމަވެސް، އެ މަރުކަޒުން ޒިންމާ ނަގައި "ސްޓޭޓް ފާމާ" މެދުވެރިކޮށް ޖެހިގެން އައި ދުވަހު ބަދަލު ހޯދައިދީފައިވާ ކަންވެސް އޭނާ ފާހަގަކުރިއެވެ.

ނަމަވެސް، މެއި މަހުން ފެށިގެން ދެވަނަ 3 މަސްދުވަހުގެ ބޭހަށް އެދިފައިވާއިރު، ޖުލައި 22 ގައި ޖަހަންޖެހޭ އިންޖެކްޝަން އަދިވެސް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ކަސްޓަމްސްއިން ބޭސް ރިލީޒްނުކޮށްގެން އުޅޭ ކަމަށް ސްޓޭޓް ފާމާއިން ބުނި ނަމަވެސް، ބޭހުގެ އަދާހަމައެއް ހޯދުމަށް ގުޅުމުން އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށާއި، ބޭސް ނުލިބި ދިގުލައިގެން ދިއުމުގެ ސަބަބުން އަލުން ބަލީގެ އަލާމާތްތައް ފެންނަން ފަށާފައިވާ ކަމަށް އޭނާ ކަންބޮޑުވުމާއެކު ބުންޏެވެ.

އަދި އޭނާގެ ކަންބޮޑުވުންތަކުން ސީއްހީ ނިޒާމްގެ ގިނަ ކަންތައްތަކެއް ބޮއްސުންލާފައިވާކަން މިވަނީ ފާހަގަކުރެވިފައެވެ.

ޖަވާބުދާރީވުމެއް ނެތް އިދާރާތައް:

ކ. ގުރައިދޫ ސިއްހީ މަރުކަޒުން އޭނާގެ އިންޖެކްޝަން ޑޯޒެއް އޮޅުމަކުން ބޭކާރުކޮށްލި ނަމަވެސް، އެ މަރުކަޒުން ޒިންމާ ނަގައި "ސްޓޭޓް ފާމާ" މެދުވެރިކޮށް އޭރު ބަދަލު ހޯދައިދިނެވެ. ނަމަވެސް މިހާރު ދެވަނަ ތިން މަސްދުވަހުގެ ބޭހަށް އެދިފައިވާއިރު، ޖުލައި 22 ގައި ޖަހަންޖެހޭ އިންޖެކްޝަން އަދިވެސް ލިބިފައެއް ނުވެއެވެ.

ޖަވާބުދާރީ ނުވުން: ބޭސް ލިބޭނެ ތާރީޚެއް ހޯދުމަށް "ސްޓޭޓް ފާމާ" އަށް ގުޅުމުން، 'އަނބުރާ ގުޅާނަން' ކަމަށް ބުނެ ފޯނު ބޭއްވުން ނޫން ކަމެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ. އަދި ކަސްޓަމްސްއިން ބޭސް ދޫނުކުރާ ކަމަށް ބުނެ އެއް އިދާރާއަކުން އަނެއް އިދާރާއަކަށް ޒިންމާ އުކަމުންދާ ކަމަށްވެސް އޭނާ ތުހުމަތުކުރެއެވެ.

އާސަންދަ ހިދުމަތް ހުއްޓުމަކަށް:

ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނަށް ކޮންމެހެން ބޭނުންވާ އަގުބޮޑު ބޭސްތައް އާސަންދައިން ނުލިބުމަކީ މިހާރު އާންމު ކަމެކެވެ. 2,000 ޑޮލަރުގެ އިންޖެކްޝަން ފަދަ ތަކެތި ނުލިބި މަސްތަކެއް ފާއިތުވެގެންދާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދައްކަނީ ކަސްޓަމްސް ނުވަތަ އިދާރީ ހުރަސްތަކުގެ ބަހަނާއެވެ. މިއީ ސަރުކާރުގެ ނާގާބިލުކަން ހާމަވާ ކަމެކެވެ.

ސިޔާސީ ނުފޫޒު އޮތް މިންވަރު:

ބަލިމީހަކަށް ހައްގުވާ ފަރުވާ ލިބެނީ ސިޔާސީ ފަރާތްތަކުގެ ފަހަތުން ދުވެ، އާދޭސްކޮށްގެން ކަމަށްވުމަކީ ސިއްހީ ނިޒާމު އިންތިހާއަށް ކޮރަޕްޓްވެފައިވާ ކަމުގެ ހެއްކެކެވެ. އިންތިޚާބީ ދުވަސްވަރު އެކަނި ބޭސް ލިބިފައި، އެ ނޫން ވަގުތުތަކުގައި ބަލިމީހާ ވޭނުގައި އޮންނަން ޖެހުމަކީ އިންސާނިއްޔަތުކަމެއް ނެތް އަމަލެކެވެ.

ބަލިމީހުންގެ ތަކުލީފު އިތުރުވުން:

ބޭސް މެދުކެނޑުމުގެ ސަބަބުން ކުރިން ލިބުނު ފަރުވާގެ ނަތީޖާ ގެއްލި، ބަލީގެ ހާލަތު އަލުން ގޯސްވަމުންދާއިރު، މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް ނެތެވެ. ބޭރުފުށުން ބަލިކަން ނުފެނުނަސް، އެތެރެހަށީގައި އުފުލަންޖެހޭ ތަދާއި ވޭނަކީ ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކުގެ ނަތީޖާއެވެ.

ސިއްހީ ނިޒާމަށް އޮތް އިތުބާރު ކުޑަވުން:

މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ދަނީ މިހާރުގެ ސަރުކާރު އައިފަހުން ސިއްހީ ހިދުމަތްތަކުގެ ފެންވަރު އިންތިހާއަށް ދަށްވެ، އާސަންދައިގެ ދަށުން ލިބޭ ބޭސްތައް މަދުވަމުންދާތީ ބޮޑެތި ޝަކުވާތައް ކުރަމުންނެވެ. ވަކިން ހާއްސަކޮށް، ދާއިމީ ބަލިތަކަށް ބޭނުންވާ އަގުބޮޑު ބޭސްތައް ހޯދުމުގައި އާންމު ރައްޔިތުން އިންތިހާއަށް ދަތިތައް ތަހައްމަލު ކުރަންޖެހި، ސިއްހީ ނިޒާމު މިހާރު ވަނީ "ފެއިލްވެފައި" ކަމަށް ރައްޔިތުން ގޮވަމުންދެއެވެ.

ބޭސްފަރުވާގެ އަސާސީ ހައްގު ހޯދުމަށް ސިޔާސީ މީހުންގެ ފަހަތުން ދުވަންޖެހުމާއި، ދައުލަތުގެ މުއައްސަސާތަކުން ރަނގަޅު މައުލޫމާތެއް ނުލިބުމަކީ ބަލިމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. އިންޖެކްޝަން ނުލިބި ލަސްވާ ކޮންމެ ދުވަހަކީ ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވަމުންދާ ދުވަހަކަށްވާއިރު، ސަރުކާރުގެ މި ފަރުވާކުޑަ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ ފުރާނަ އަށް ނުރައްކާވަމުންދާ ކަމުގެ ބިރުވެރިކަން މިއަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު