އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ   --- ފޮޓޯ: އައްޑޫސިޓީ ކައުންސިލް
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ --- ފޮޓޯ: އައްޑޫސިޓީ ކައުންސިލް
އައްޑޫ ސިޓީގެ ފޭދޫ ޓޫރިޒަމް ސަރަހައްދުގައި އޮންނަ ސަވާހެލި ފަޅުއެޅި ސަރުކާރަށް ނެގުމަށް ނިންމި ނިންމުމަކީ އައްޑޫގެ ތަރައްގީއަށް އެއްވެސް ވިސްނުމެއް ނެތް ބަޔަކު ރައީސް މުޙައްމަދު މުޢިއްޒަށް ދިން "ގޯސް ހިޔާލެއް" ކަމަށާއި، ސަރުކާރަށް އެތަން ތަރައްގީ ނުކުރެވޭނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

ސަވާހެލި ވަކިކޮށް ސަރުކާރަށް ނެގި މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ނިޒާރު ވިދާޅުވީ، ސަވާހެލި ނެގުމަށް ސަރުކާރުން ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު ނުރުހުމެއް އަމާޒުވެފައިވާ ކަމެއް ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ސަރުކާރުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން މަޖުބޫރުވެގެން ކުރާ ޕޯސްޓުތައް ފިޔަވައި، އައްޑޫގެ ތަރައްގީއަށް ލޯބިކުރާ އެއްވެސް ރައްޔިތަކު މި ނިންމުމަށް ތާއީދު ނުކުރާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު ނިޒާރު ތުހުމަތުކުރެއްވިގޮތުގައި އެތަން ކުއްލިގޮތަށް ސަރުކާރަށް ނެގި މި ނިންމުމުގެ ފަހަތުގައި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުންގެ ނުފޫޒު އެބައޮތެވެ.

"އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި މާ ބޮޑު ވިސްނުންތަކެއް ނެތް ބައެއް މެންބަރުން އެބަތިއްބެވި. އައްޑޫ ސިޓީ ބައިބައިކޮށްލާ، އިދާރީގޮތުން ރޫޅާލުމުގެ މަސައްކަތްކޮށް، އަމަލީގޮތުން އެކަމަށް ކެމްޕޭން ކުރެއްވި ބޭފުޅުން އެއީ،" މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މާޒީގައިވެސް މެންބަރުންގެ ނުފޫޒުން އައްޑޫގެ އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ކުރިއަށް އޮތް 100 އަހަރު ތެރޭގައިވެސް އައްޑޫގެ ތަރައްގީއަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް މޭޔަރު ސިފަކުރެއްވިއެވެ.

ސަވާހެލި ތަރައްގީ ކުރުމުގެ ގާބިލުކަން ސަރުކާރުގައި ނެތްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ސަވާހެލި އަކީ ގާމަތީ ކުޑަކުޑަ ފިނޮޅެއް ކަމަށާއި، އެތަން ތަރައްގީ ކުރެވޭނީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން ކަމަށެވެ. އަދި އައްޑޫގައި އޮތް ހަންކެޑެ ފަދަ ރީތި ރަށެއްވެސް ތަރައްގީ ނުކުރެވިގެން އުޅޭއިރު، އަދި އައްޑޫއިން ހިއްކާފައިވާ 100 ހެކްޓަރުގެ ތިން ރަށުގެ ވާހަކަ ސަރުކާރުން ނުދައްކައި އޮއްވައި ސަވާހެލި ތަރައްގީ ކުރެވިދާނެ ކަމަށް އުންމީދު ނުކުރެވޭ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު އަލީ ނިޒާރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މި ނިންމުން ބަދަލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފޮނުއްވައިގެންނާއި، މަޝްވަރާކޮށްގެން މައްސަލައަށް ހައްލެއް ހޯއްދެވުމަށް ކައުންސިލުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މާލެ ގޮސްގެންވެސް ރައީސާ ބައްދަލުކުރެއްވުމުގެ ފުރުސަތަކަށް އެދިވަޑައިގަންނަވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް