ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު
ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުގެ ތަޢުލީމީ މިންގަނޑުތަކުގެ ތެރެއަށް އިތުރުކުރަން ނިންމާފައިވާ "މިނިވަން މުސްތަޤިއްލު ޤާނޫނީ ވަކީލުންގެ ޚިދުމަތް، ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެކިއެކި ސިޔާސަތުތަކާއި އެކުއެކީގައި އެކުލެވިގެންވާ ގޮތަށް ކަރިކިއުލަމް ފަރުމާ ކުރެވިގެންދާ މާއްދާ" އަށް އަމަލުކުރަން ފަށާ ތާރީޚު 1 އޮކްޓޫބަރު 2027 އަށް ފަސްކުރުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ޤާނޫނު (ޤާނޫނު ނަންބަރު 5/2019) ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން، ވަކީލުކަން ކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުގެ އެކަޑަމިކް ކޮލިފިކޭޝަން ޤާނޫނީ މިންގަނޑަށް ފެތޭކަން ކަށަވަރުކުރުމަކީ ބާ ކައުންސިލުގެ މަސްއޫލިއްޔަތެކެވެ.

އެ މަސްއޫލިއްޔަތުގެ ދަށުން، މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތަކުގެ މަންހަޖުތަކަށް މި މާއްދާ އިތުރުކޮށް، ކުރިން އަމަލުކުރަން ކަނޑައަޅާފައިވަނީ 1 އޯގަސްޓު 2026 އިން ފެށިގެންނެވެ.

ނަމަވެސް، ޤާނޫނީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތަކުން ދީފައިވާ މަޢުލޫމާތުތަކަށް ރިއާޔަތްކޮށް، އެ ކަންކަން ފުރިހަމަކުރުމުގައި ދިމާވާ ދަތިތަކާއި ދަރިވަރުންގެ ތައްޔާރުވުންތަކަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން ކަމާބެހޭ މުއައްސަސާތަކުން ވަނީ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައެވެ.

އެއާއެކު، ބާ ކައުންސިލުގެ ހިންގާ ކޮމިޓީން 28 މެއި 2026 ގައި ބޭއްވި ބައްދަލުވުމުގައި ވަނީ މި ޝަރުތަށް އަމަލުކުރަން ފަށާ ތާރީޚަކީ 1 އޮކްޓޫބަރު 2027 ކަމުގައި ކަނޑައަޅައިފައެވެ.

ބާ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަޤްޞަދަކީ މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތަކުން ކަންކަން އިންތިޒާމުކުރުމަށް އެކަށީގެންވާ ވަގުތު ދިނުމާއި، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ.

އަދި ސެކަންޑަރީ އާއި ހައިސެކަންޑަރީ ތަޢުލީމު ފުރިހަމަކުރަމުންދާ ދަރިވަރުންނަށް ވެސް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވުމުގެ ފުރުޞަތު ދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު