ކުމަމޯޓޯ ޕްރިފެކްޗަރަށް އައި ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ތެރެއިން މަންޒަރެއް
ކުމަމޯޓޯ ޕްރިފެކްޗަރަށް އައި ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ތެރެއިން މަންޒަރެއް
ނިމިދިޔަ ޖުލައި މަހުގެ ފަހުކޮޅު ޖަޕާނުގެ ކުމަމޯޓޯ ސަރަޙައްދަށް އައި ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމާ ގުޅުވައިގެން، 'އެކްސް' ފަދަ އިޖުތިމާޢީ މަންސަތަކުގައި ހަގީގަތާ ޚިލާފު ދޮގު މަޢުލޫމާތުތަކެއް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ގޮއްވުމެއްގެ ސަބަބުން އުފެދުނު ބިންހެލުމެކެވެ. ނަމަވެސް، ސައިންސްވެރިންނާއި ބިންހެލުންތަކާ ބެހޭ މާހިރުން ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ. ފަންނީ އަދި އިޤްތިޞާދީ ނަޒަރަކުން ބެލިޔަސް، އިންސާނުންނަށް މިފަދަ ކަމެއް ކުރުމަކީ މިހާތަނަށް އޮތް ފުރުޞަތެއް ނޫންކަން މާހިރުން ފާހަގަކުރައްވައެވެ.

ޖަޕާނުގެ ސީސްމޮލޮޖިކަލް ސޮސައިޓީގެ ރިޕޯޓްތަކަށް ބަލާއިރު، މި ބިންހެލުމުގެ މަރުކަޒު ހުރީ ބިމުގެ 16 ކިލޯމީޓަރު އަޑީގައެވެ. މިއީ އިންސާނުންނަށް މިހާތަނަށް ކޮނެވޭނެ ފުންމިނެއް ނޫނެވެ. ދުނިޔޭގައި މިހާތަނަށް އެންމެ ފުންކޮށް ކޮނެފައިވާ ރަޝިޔާގެ ކޯލާ ސުޕަޑީޕް ބޯހޯލްގެ ފުންމިނަކީ 12.3 ކިލޯމީޓަރެވެ. އެ މަސައްކަތަށް ވެސް 20 އަހަރު ދުވަސް ހޭދަވިއެވެ. އެހެންކަމުން، ބިމުގެ އެހާ އަޑީގައި ބިންހެލުމެއް އުފެދޭ ފަދަ ގޮއްވުމެއް ހިންގުމުގެ ޓެކްނޮލޮޖީއެއް އަދި މިހާތަނަށް އުފެދިފައެއް ނުވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، މިފަދަ ދޮގު ޚަބަރުތައް ފެތުރުން އިތުރުވެފައިވަނީ ސޯޝަލް މީޑިއާ މަންސަތަކުން ލިބޭ މާލީ މަންފާގެ ސަބަބުންނެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބޭ ޕޯސްޓްތަކުން އާމްދަނީ ލިބޭ ގޮތަށް އޮންނާތީ، ބައެއް ފަރާތްތަކުން ގަސްދުގައި މިފަދަ ދޮގު މަޢުލޫމާތު ފަތުރައެވެ.

މީގެ އިތުރުން، ބޮޑެތި ކާރިސާތަކާ ގުޅިގެން މީހުންގެ ހިތްތަކުގައި އުފެދޭ ބިރުވެރިކަމުގެ ތެރޭގައި، ސައިންސީ ހަގީގަތްތަކަށްވުރެ "އަނދިރި ރޭވުމެއްގެ" ދަށުން ހިނގި ކަމެއްގެ ގޮތުގައި ކަންކަން ސިފަކުރުމަކީ ބައެއް މީހުންނަށް ގަބޫލުކުރަން ފަސޭހަ ގޮތަކަށް ވާތީ، މިފަދަ ވާހަކަތައް ހަލުވިކަމާއެކު ފެތުރިގެންދާކަމަށް ނަފްސާނީ އިލްމުވެރިން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު