އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު: މިނިވަންދުވަހުގެ ޚާއްސަ ހަފްލާއެއްގައި
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު: މިނިވަންދުވަހުގެ ޚާއްސަ ހަފްލާއެއްގައި
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވުމަށް އެމަނިކުފާނަށް އެއް ގަޑިއިރުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ނިންމައިފިއެވެ.

މަޖިލީހުގެ އިޖުރާއީ ކަންކަން ކުރިއަށްދާނެ ގޮތް ކަނޑައަޅާ އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިގޮތަށް ފާސްކުރީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ. އެ ހުށަހެޅުމުގައި ވަނީ ވަޒީރަށް ޖަވާބުދާރީވުމަށް އެއް ގަޑިއިރު ދިނުމުގެ އިތުރުން، އެ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް މެންބަރުންނަށް ވެސް އެއް ގަޑިއިރުގެ ވަގުތު ދިނުމަށެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން މި ނިންމުން ވަނީ ފާސްކޮށްފައެވެ.

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި މި މަހުގެ ފުރަތަމަ ދުވަހުއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި މި ގަރާރުގައި ވަޒީރާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީން ވަޒީރަކާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުމާއި، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުއްވުން ހިމެނެއެވެ.

އިދިކޮޅު ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލެއް ނެތި އުފުލި، އޭގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު، އެކަން ހައްލުކުރުމަށް މިނިސްޓަރު ވަނީ ނުކުޅެދިފައެވެ. މީގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާ އަމާނަތްތެރިކަމާއެކު ނުބެލެހެއްޓުމާއި، އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ސަރުކާރުން އިއުލާންކުރި ބޮޑެތި މަޝްރޫއުތައް ކުރިއަށް ނުދިއުން ވެސް ހިމެނެއެވެ. އެގޮތުން ބަންކަރިންގެ ހިދުމަތުން ލިބޭނެ ކަމަށް ބުނި 400 މިލިއަން ޑޮލަރުގެ އާމްދަނީ ނުލިބުމާއި، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އާއި ޑިވެލޮޕްމެންޓް ބޭންކް ފަދަ މުހިންމު މަސައްކަތްތައް ހުއްޓިފައި އޮތްކަން އެމްޑީޕީން ފާހަގަކުރެއެވެ.

މީގެ އިތުރުން، މަޖިލީހަށް ހާޒިރުކުރެވޭ ވަގުތުތަކުގައި މެންބަރުން ކުރައްވާ ސީދާ ސުވާލުތަކަށް ޖަވާބު ނުދެއްވައި، ސިޔާސީ ވާހަކަ ދައްކަވައިގެން ޒިންމާއިން ރެކިވަޑައިގަންނަވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް އާންމު ވިޔަފާރީގެ ތެރެއަށް ވައްދައި، އަމިއްލަ ކުދި ވިޔަފާރިތަކަށް މިނިސްޓަރު ގެއްލުން ދެމުންދާ ކަމަށް ވެސް އެމްޑީޕީގެ ގަރާރުގައި ބުނެފައިވެއެވެ.

މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް