މަޖިލީހުގެ ގަވާއިދު ކޮމިޓީގައި މިނިސްޓްރީގެ އިސް ފަރާތްތައް، ފޮޓޯ: މަޖިލިސް
މަޖިލީހުގެ ގަވާއިދު ކޮމިޓީގައި މިނިސްޓްރީގެ އިސް ފަރާތްތައް، ފޮޓޯ: މަޖިލިސް
ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ތަޢުލީމީ ނިޒާމު ބައްޓަންކުރަންޖެހޭ ކަމަށާއި، ވަކި ގޮތަކަށް އުނގެނުމުގެ މަގުތައް ބަންދުކޮށްފިނަމަ ގިނަ ބަޔަކަށް ލިބެންޖެހޭ ތަޢުލީމީ ޙައްޤުތަކަށް ހުރަސް އެޅިގެންދާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު އެއްކޮށް ހިފެހެއްޓުމަކީ ފަންނީ ގޮތުން ބަލާއިރު ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ޚާއްޞަކޮށް ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި، ތަޢުލީމުދޭ މަރުކަޒުތަކާ ދުރުގައި އެކަހެރިކޮށް ދިރިއުޅޭ ރައްޔިތުންނަށް ޑިޕްލޮމާ އާއި ޑިގްރީ ފަދަ ސަނަދުތައް ހާސިލުކުރުމަށް އޮންލައިން ނިޒާމަކީ މުހިންމު ވަސީލަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަފީޢު އިތުރަށް ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ އާދަކާދައަށް އޮންލައިން ޚިދުމަތްތައް އަށަގަންނަމުންދާއިރު، ތަޢުލީމީ ނިޒާމު ޒަމާނާ އެއްވަރަށް ކުރިނާރާ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކަށްވެސް ވިސްނަންޖެހޭ ކަމަށެވެ. އަދި އޮންލައިން ނިޒާމުގެ ތެރެއިން ދަރިވަރުންގެ އުނގެނުމާއި މުޢާމަލާތްތައް މޮނިޓަރކުރުން، އާދައިގެ ނިޒާމުތަކަށްވުރެ ފަސޭހަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯސްތަކުގެ ފެންވަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ކޮންމެ މޮޑަލިޓީއަކުން ކިޔެވި ނަމަވެސް، ދަރިވަރުން ދަސްވެނިވަނީ ކަނޑައެޅިފައިވާ ފެންވަރު ފުރިހަމަވުމުން ކަމަށެވެ. އަދި އޮންލައިން ކޯސްތަކުގެ އުސޫލުތައް ޒަމާނާ އެއްގޮތަށް އަދާހަމަކޮށް، ފެންވަރު ހިފެހެއްޓުމުގެ މަސައްކަތް އިދާރާތަކުން އަބަދުވެސް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ޝަފީޢު ދެއްވިއެވެ.

މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުތައް ބައްޓަންކުރުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އިސްކަންދޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް