މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރެވޭނީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައިގެން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "އާރުވެރި މެޗިންގ ގްރާންޓު" އިފްތިތާޙް ކުރުމަށްޓަކައި މެންހަޓަން ބިޒްނަސް ހޮޓެލްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރި ސިނާއަތް ތަރައްގީ ކުރުމަށާއި، މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. އަދި މި މައްސަލަތަކަކީ ހަމައެކަނި ސަރުކާރަށް އެކަނި ހައްލުކުރެވޭނެ ކަންކަން ނޫން ކަމަށާއި، މިކަންކަން ހައްލުކުރެވޭނީ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ބާރުވެރިކުރުވައިގެން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ސަރުކާރުން އަންނަނީ މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

ހަމައެއާއެކު ވަޒީރު ވިދާޅުވީ، ރާއްޖޭގައި ޒަމާނުއްސުރެ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަމުން އައި ނަމަވެސް، މަސްވެރި ސިނާއަތުގައި ޒަމާންވީ ގިނަ ގޮންޖެހުންތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އަދި މި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އެންމެ މުހިންމު އެއް ވަސީލަތަކީ ފައިސާ ނުވަތަ އިންވެސްޓްމަންޓް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ފެށީ އަމިއްލަ ފަރުދުންނާއި ޕްރައިވެޓް ސެކްޓަރަށް ވެސް ފުރުސަތުތައް ފަހިވާންޖެހޭނެ ކަމަށް ގަބޫލުކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ރާއްޖޭގެ މަސްވެރި ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި އަމިއްލަ ކުންފުނިތަކަށް ފަހި މާހައުލެއް އުފައްދައިދީ، ހުރިހާ އެންމެން ގުޅިގެން ގޮންޖެހުންތައް ހައްލުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން ކަމަށް ވަޒީރު ޝިޔާމް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު