މަރްޔަމް ނަހްދާ ވަޙީދު   29 އޯގަސްޓު 2026 - 12:12
ރައީސް ނަޝީދު އާއި ފައްޔާޒް
ރައީސް ނަޝީދު އާއި ފައްޔާޒް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ދެ ބޭފުޅުންގެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިފަދައިން ފައްޔާޒް ވިދާޅުވީ، ރައީސް ނަޝީދާއި އޭނާއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދި، ”ބޮޑު ބަދަލު“ ގެ ވަޓްސްއެޕް ގްރޫޕުން ފައްޔާޒް ވަކިވެވަޑައިގެންނެވި ކަމަށް ބުނެ ސޯޝަލް މީޑިއާގައްޔާއި ބައެއް ނޫސްތަކުގައި ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެންނެވެ. މީގެ އިތުރުން، އެ ގްރޫޕް ދޫކޮށްލެއްވުމުގެ ކުރިން ފައްޔާޒް ފޮނުއްވި ކަމަށް ބުނާ މެސެޖެއްގެ ސްކްރީންޝޮޓެއް ވެސް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އެ މެސެޖުގައި އޭނާ ވިދާޅުވެފައިވަނީ އެ ގްރޫޕް އުފެއްދި މަގުސަދު މިހާރު ގެއްލި، އެކުގައި މަސައްކަތްކުރާ މީހުންގެ މެދުގައި ބޭކާރު މައްސަލަތައް އުފެދުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ދައުރުވަމުންދާ ވާހަކަތަކަކީ މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ ވަކިވެވަޑައިގަތީ ރަސްމީ ގްރޫޕަކުން ނޫން ކަމަށާއި، އެއީ ރައީސް ނަޝީދުގެ ކެމްޕޭން ދުވަސްވަރު ސޯޝަލް މީޑިއާގެ ކަންކަން ވިލަރެސްކުރުމަށް ހަދާފައިވާ ނުރަސްމީ ގްރޫޕަކުން ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އެ ގްރޫޕް ދޫކޮށްލެއްވި ސަބަބު ބަޔާންކުރައްވަމުން ފައްޔާޒް ވިދާޅުވީ، އެއީ އެ ގްރޫޕުގައި ތިއްބެވި ބައެއް ބޭފުޅުންގެ މުއާމަލާތްތައް ހުރި ގޮތުންނާއި، ބޭނުންކުރަމުންދިޔަ ބޭއަދަބީ ބަސްމަގުގެ ސަބަބުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

ރައީސް ނަޝީދާއެކު މިހާރު ވެސް ވަރަށް ގާތުން ސިޔާސީ މަސައްކަތްތައް ކުރިއަށްދާކަން ހާމަކުރައްވަމުން ފައްޔާޒް ވިދާޅުވީ، ”ބޮޑު ބަދަލު“ ގެ ތަސައްވުރާ އެއްގޮތަށް ޕާޓީގެ ހަރަކާތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި ބަދަލަކީ ގައުމަށް ނުހަނު ބޭނުންތެރި ކަމަކަށް ވުމުން، ވީހާވެސް ގިނަ ބައެއްގެ އެއްބާރުލުން މި މަސައްކަތަށް ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެދޭ ހުރިހާ ބޭފުޅުންނަށް ވެސް އެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު