މަދަނީ ޖަމިއްޔާތައް
މަދަނީ ޖަމިއްޔާތައް
ކީރިތިރަސޫލާއަށް ފުރައްސާރަކުރާ ފަރާތްތަކުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް މަދަނީ ޖަމިއްޔާތަކުން ގޮވާލައިފިއެވެ.

މަދަނީ ޖަމިއްޔާތަކުން މިއަދު ނެރުނު ބަޔާނެއްގައިވަނީ، މިއަދު ކީރިތި ރަސޫލާއަށް ކުރެވެމުންދާ ފުރައްސާރަތަކަށް އިންކާރުނުކޮށް އެފަދަ ޢަމަލުތައް ކުރާ ޤައުމުތަކަށް ސަޕޯޓުކޮށް އެމީހުންގެ ތަކެތި ގަނެވިއްކައިގެން އެމީހުންގެ ވިޔަފާރިތަކަށް މާއްދީގޮތުންނާ މަޢުނަވީގޮތުން އެހީވާބައެއްގެ ގޮތުގައި ތިބެއްޖެނަމަ، ﷲތަޢާލާ އެކަލާނގެ ރަސޫލާއަށް ނަޞްރުދޭނޭ އެހެންބައެއް ދުނިޔެއަށް ގެންނަވާނެ ކަމަށެވެ.

އެހެންކަމުން ފަރަންސޭސިވިލާތުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއްނެތް ނާތަހުޒީބު ޢަމަލު ކުށްވެރިކުރުމަށް އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް، އެޤައުމުން އެ ޢަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މަޢާފަށް އެދެފުމަށްދާންދެން އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް އެ ބަޔާނުގައި ދިވެހި ސަރުކާރަށް ގޮވާލާފައި ވެއެވެ.

މަދަނީ ޖަމިއްޔާތަކުން ވަނީ އެ ގޮވާލުމަށް ސަރުކާރުން އިޖާބަނުދިން ނަމަވެސް ކޮންމެ ދިވެއްސަކުވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފުރާންސުގެ އުފެއްދުންތައް އެކީ އެކަށް ބޮއިކޮޓު ކުރުމަށް ގޮވާލާފައެވެ. އަދި އެކަމަށް އިންކާރުކޮށް ލޮބުވެތި ނަބިއްޔާގެ ދިފާޢުގައި ކޮންމެވެސް ޙައިޘިއްޔަތަކުން ބައިވެރިވުމުގެ ނަޞީބު ލިބިގަތުމަށްވެސް އެ ބަޔާނުގައި އެދިފައި ވެއެވެ.

"ޒަމާނުއްސުރެވެސް އިސްލާމްދީނުގެ ޢަދާވާތްތެރީން އަންނަނީ ކައުއިތުރު ނަބިއްޔާއަށް ތަފާތު ގޮތްގޮތުން ފުރައްސާރަކޮށް އެކަލޭގެފާނުގެ މަތިވެރި ޠާހިރު ޝަޙްޞިއްޔަތަށް ބޭއަދަބީ ބަސްތައް ރައްދުކުރަމުން ކަމަށާއި، މިއީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށްވެސް އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހުވެސް އެކާފަރުން ކުރަމުން އަންނަ ފިނޑި ހުތުރު ޢަމަލެއް ކަމަށް" ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެކަމުގެ ސަބަބަކީ ނަބިއްޔާ ގެންނެވި ޝަރީޢަތައްވުރެ މޮޅު ނިޒާމެއް ގެނައުމަށް ނުކުޅެދުމާއިއެކު އަދި އެކަލޭގެފާނުން ގެންނެވި ޝަރީޢަތް ދުވަހެއް ދުވަހަކަށް ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންގޮސް ދާދި ކުޑަމުއްދަތެއްގެ ތެރޭގައި މުޅިދުނިޔޭގައި އިސްލާމުން ވެރިކަންކޮށް، އެމީހުންގެ ބާރާއި ނުފޫޒު ހިނގައިގަނެދާނެކަމުގެ ބިރަށްޓަކައި، ޙަސަދަވެރިކަމާ ބޮޑާކަން އިތުރުވުން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ދީނާއި ދަޢުލަތް ވަކިކޮށް، ލާދީނީ ސަރުކާރެއް އެންމެކުރީގައި ޤާއިމުކުރި ފަރަންސޭސިވިލާތުގެ މިހާރުގެ ރައީސް ވަނީ މިދާކަށް ދުވަހު އަނެއްކާވެސް ކައުއިތުރު ނަބިއްޔާއަށް ނިސްބަތްކޮށް ކުރަހާފައިވާ ކާރޓޫނުތަކެއް އެޤައުމުގެ ސަރުކާރުގެ އޮފީސްތަކުގައި ބޮޑު ސްކުރީނުން އަޅުވާފައި ކަމަށާއި، އިސްލާމްދީނާމެދު ނަފްރަތްތެރިކަން ފެތުރުމަކީ ޚިޔާލު ފާޅުކުރުންކަމަށް ފަރަންސޭސި ރައީސް ތަކުރާރުކޮށް ޞިފަކޮށްފައިވާ ކަމަށްވެސް ޖަމިއްޔާ ތަކުގެ ނަމުގައި ނެރެފައިވާ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން