އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު
އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު
އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ އަންހެން ގައިދީންނާ މެދު އަމަލުކުރަމުންދާ ލާއިންސާނީ އަދި ދަތި ހާލަތްތަކާމެދު ފަޚުރުވެރިވާކަން ހާމަކޮށް، އިސްރާއީލުގެ ހައްދުފަހަނައެޅި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުކޮށްފިއެވެ.

ބެން-ގްވީރުގެ ރަސްމީ 'އެކްސް' އެކައުންޓުގައި އާންމުކުރި މި ވީޑިއޯއިން ފެންނަނީ، ފަލަސްތީނުގެ އަންހެން ގައިދީން ބަންދުކޮށްފައި ތިބި ގޮޅިތަކަށް އޭނާ ވަދެ، އެ މީހުން ކުރަމުންދިޔަ ޝަކުވާތަކަށް މަލާމާތްކޮށް ގޮންޖަހައި ވާހަކަދައްކާ މަންޒަރެވެ.

މި ވީޑިއޯގައި ވާހަކަދެއްކި އަންހެން ގައިދީއަކު ބުނެފައިވަނީ، ފެންނުވަރާތާ ތިން ދުވަސް ވެފައިވާ ކަމަށާއި، ސާފުތާހިރުވުމަށް ބޭނުންވާ ތަކެއްޗާއި އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްނުދޭ ކަމަށެވެ. އެ ޝަކުވާތަކަށް ރައްދުދެމުން ބެން-ގްވީރު ބުނެފައިވަނީ، "ޖަލުތަކުގައި ކުރިން އޮތް ފަސޭހަ ހާލަތްތައް މިހާރު ނިމުމަކަށް އަތުވެއްޖެ" ކަމަށާއި، މި ހަރުކަށި ބަދަލުތަކުގެ ފުރިހަމަ ޒިންމާ ނަގަނީ ސީދާ އޭނާ ކަމަށެވެ. އަދި އެ ހާލަތާމެދު އޭނާ އުފާކުރާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ވީޑިއޯއާއެކު އޭނާ ކުރި ޕޯސްޓުގައި ބުނެފައިވަނީ، ގައިދީންގެ "ރޮއި ހޭރުމާއި ކުރާ ޝަކުވާތަކުން" އޭނާގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ޣައްޒާގައި ތިބި އިސްރާއީލުގެ އަސީރުންނަށްވެސް އެކަށީގެންވާ ހާލަތެއް ނެތް ކަމަށް ބުނެ، ފަލަސްތީނުގެ ގައިދީންނަށް ޤާނޫނުން ލާޒިމުކުރާ އެންމެ ދަށް މިންވަރަށް ނޫނީ އެއްވެސް ޚިދުމަތެއް ނުދިނުމުގެ ސިޔާސަތު އެގޮތުގައި ކުރިއަށްގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބެން-ގްވީރުގެ މި ދަށުދަރަޖައިގެ އަމަލު ފަލަސްތީނުގެ ކަމާބެހޭ ޖަމާއަތްތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ފަލަސްތީނުގެ ގައިދީންގެ ކަންކަމާ ބެހޭ ކޮމިޝަނުން ހާމަކުރި ގޮތުގައި، އަންހެން ގައިދީންގެ ގޮޅިތަކަށް މިނިސްޓަރު ވަދެ ވީޑިއޯކޮށް އާންމުކުރުމަކީ ގައިދީން ބިރުގަންނަވައި، ނަފްސާނީ ގޮތުން ނިކަމެތިކޮށްލުމަށް ހިންގި ސިޔާސީ ޖަރީމާއެކެވެ. އަދި ފަލަސްތީނިއަން ޕްރިޒަނާސް ސޮސައިޓީން ބުނީ، މިއީ އިންސާނީ ކަރާމާތް ގެއްލުވާލުމުގެ އަމަލެއް ކަމަށާއި، އިސްރާއީލުގެ ޖަލުތަކުގައި ގައިދީންނަށް އަނިޔާކުރުމާއި، ބަނޑަށް ޖެއްސުމާއި، އިހާނެތިކޮށް ހިތުން ފަދަ ލާއިންސާނީ އަމަލުތައް ހިންގަމުންދާކަން، ދޫކޮށްލާފައިވާ މީހުންގެ ހެކިބަސްތަކުން ކަށަވަރުވާ ކަމަށެވެ.

2022 ވަނަ އަހަރުގެ ފަހުކޮޅު މަގާމާ ހަވާލުވި ފަހުން ބެން-ގްވީރު ގެންދަނީ ފަލަސްތީނު ގައިދީންނަށް ދޭ ކާބޯތަކެއްޗާއި ފެން މަދުކޮށް، ފެންވަރާ ވަގުތު ހަނިކޮށް، އަދި އާއިލީ ޒިޔާރަތްތައް މެދުކަނޑާލުމަށް ބާރުއަޅައި އަނިޔާވެރި ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ.

ފަލަސްތީނުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިސްރާއީލުގެ ޖަލުތަކުގައި މިހާރުވެސް ފަލަސްތީނުގެ 9،400 އަށްވުރެ ގިނަ މީހުން ބަންދުކޮށްފައި ތިބިއިރު، އޭގެ ތެރޭގައި 88 އަންހެނުންނާއި 350 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު