ފޮޓޯ: އާރުޑީސީ
ފޮޓޯ: އާރުޑީސީ
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން، މ. މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ނިމި، މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒާއި ވެހިކަލްތައް އެރަށަށް ގެންގޮސްފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އިން ހާމަކުރި ގޮތުގައި، މުލަކަށް ފޮނުވި ތާރު މެޝިނާއި އެކަމަށް ބޭނުންވާ މެޝިނަރީޒް އަދި ވެހިކަލްތަކަކީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައި.ޑީ.އެސް) އާއެކު ވެވުނު ފަހުމުނާމާގެ ދަށުން ގެނެވުނު ތަކެއްޗެވެ. މިއީ ޗައިނާގެ މަޝްހޫރު އެކްސް.ސީ.އެމް.ޖީ ކުންފުންޏާއެކު އައި.ޑީ.އެސް އިން ޤާއިމުކުރި ސްޓްރެޓީޖިކް ބިޒްނަސް ކޯޕަރޭޝަން އެގްރީމަންޓުގެ ދަށުން، އާރް.ޑީ.ސީން ހިންގާ ބިޔަ މަޝްރޫޢުތައް އަވަސްކުރުމަށް އެ ކުންފުނީގެ ފްލީޓަށް އިތުރުކުރި 230 މެޝިނަރީޒްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކެކެވެ.

މުލަކު މަގުހެދުމުގެ މަސައްކަތްތަކުގެ ތަފްސީލަށް ބަލާއިރު، ދުވާރު ހެދުމުގެ މަސައްކަތުގެ 70 އިންސައްތަ އަދި ކާބް ސްޓޯން ޖެހުމުގެ 84 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެއިތުރުން ސެޓްލްމަންޓް ޓޭންކް ބަހައްޓައި ހޮޅި އެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، މަގުބައްތި ޖެހުމުގެ 84 އިންސައްތަ މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފައެވެ.

އާރް.ޑީ.ސީން މަޢުލޫމާތު ދޭ ގޮތުގައި، ރަށުގެ އަމީނީ މަގާއި ހުސޭނީ މަގަށް ބަދަލުތަކެއް ގެންނަން މުލަކު ކައުންސިލާއި ރައްޔިތުން އެދެމުންދާތީ، އެ ބަދަލުތަކާ ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާއެކު މިހާރު ދަނީ މަޝްވަރާތައް ކުރެވެމުންނެވެ. އަދި ބަދަލު ގެނައުމަށް މަޝްވަރާ ކުރަމުންދާ އަމީނީ މަގާއި، އިރުދޭ މަގު އަދި ބަހާރީ މަގު ފިޔަވައި އެހެން ހުރިހާ މަގުތަކެއްގެ ކޭބަލް ޖަންކްޝަނާއި ހޮޅި އެޅުމުގެ މަސައްކަތްތައް މިހާރު ވަނީ ނިންމާލެވިފައެވެ.

މި މަޝްރޫޢުގެ ދަށުން ދެން އެންމެ އަވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އަމީނީ މަގާއި ހުސޭނީ މަގަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު ތާރު އެޅުމަށް އެ މަގުތައް ތައްޔާރުކުރުން ހިމެނެއެވެ. އަދި އިރުދޭ މަގާއި ބަހާރީ މަގު ޗަކަވާ މައްސަލަ ޙައްލުކޮށް، ވެލިއަޅައި ކޮމްޕެކްޓް ކުރުމަށްފަހު، ދުވާރުގެ މަސައްކަތް ނިންމައި ތާރު އެޅުމަށް ތައްޔާރުކުރުމުގެ އިތުރުން ސްޓޯމް ވޯޓަރ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ކުރުން ހިމެނެއެވެ.

މުލަކުގެ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ ތަކެތި އެރަށަށް ފޮނުވުމުގެ މަސައްކަތް ވެސް އާރް.ޑީ.ސީން މިހާރު ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް