ކާށިދޫ ޑްރަގު އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން-
ކާށިދޫ ޑްރަގު އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން-
ކ. ކާށިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކ. އަތޮޅު ފުލުހުން ގުޅިގެން މި މަހުގެ 30 ވަނަ ދުވަހު ކާށިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އޮޕަރޭޝަންގެ ތެރެއިން އެ ރަށުގެ 10 ގެއެއް ބަލައިފާސްކޮށް، ތުހުމަތުކުރެވޭ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، 32.55 ގްރާމްގެ މަސްތުވާތަކެތި ވެސް ވަނީ ހޯދާފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރެއިން ހަތަރު މީހަކު ފަހުން ދޫކޮށްލާފައިވާއިރު، ބާކީ ތިބި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ. ދެން ތިބި ފަސް މީހުންގެ ތެރެއިން ކ. ކާށިދޫ، ރިހިތަރި، މުޙައްމަދު އަޙުދު (30އ) އާއި ގދ. ރަތަފަންދޫ، ދިލްޝާދުގެ، ޣާނިމް މުފީދު (26އ) 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން ކ. ކާށިދޫ، ރެޑިއަމްގެ، ޢަބްދުލްޢަލީމް މުޙައްމަދު (37އ) އާއި މާލެ، ގ. މާލެހިޔާ 2 02-13، މަދީޙް ރަޝީދު (29އ) އަދި ކ. ކާށިދޫ، ޝަބްނަމްގެ، ނަޒާން މުޙައްމަދު ޝާކިރު (22އ) 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު