މުޙައްމަދު ޝާރުލްނައިމް މިސްވާން :: ކޯޓުން ވަނީ ދެ އަހަރާއި ހަ މަސްދުވަހުގެ ޖަލު ޙުކުމެއް އިއްވައި ތިން އެތިފަހަރުން ތަޢުޒީރު ކުރުމަށް ހުކުމްކޮށްފައި
މުޙައްމަދު ޝާރުލްނައިމް މިސްވާން :: ކޯޓުން ވަނީ ދެ އަހަރާއި ހަ މަސްދުވަހުގެ ޖަލު ޙުކުމެއް އިއްވައި ތިން އެތިފަހަރުން ތަޢުޒީރު ކުރުމަށް ހުކުމްކޮށްފައި
ޢާންމު ޕާކިންގ އިމާރާތެއްގެ ރޫފްޓޮޕް ގާޑަންގައި ޖިންސީ ގުޅުން ހިންގަމުންދިޔަ ދެމަފިރިއަކު ސިއްރުން ވީޑިއޯކުރުމަށްފަހު، އެ ވީޑިއޯ ބޭނުންކޮށްގެން އަންހެންމީހާއަށް ބިރުދައްކައި، ފައިސާއާއި ޖިންސީ ގުޅުމަށް އެދުނު މީހަކު ޖަލަށްލުމަށާއި އޭނާގެ ގައިގައި އެތިފަހަރު ޖެހުމަށް ސިންގަޕޫރުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ އުމުރުން 33 އަހަރުގެ މުޙައްމަދު ޝާރުލްނައިމް މިސްވާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޯޓުން ވަނީ ދެ އަހަރާއި ހަ މަސްދުވަހުގެ ޖަލު ޙުކުމެއް އިއްވުމުގެ އިތުރުން، ތިން އެތިފަހަރުން ތަޢުޒީރު ކުރުމަށް (ކޭނިންގ އަދަބު ދިނުމަށް) އަމުރުކޮށްފައެވެ. އޭނާ ވަނީ ބިރުދައްކައިގެން ފައިސާ ހޯދަން އުޅުމާއި، އިންސާފަށް ހުރަސްއެޅުމުގެ އިތުރުން މީހަކު ޣައިރު ޤާނޫނީ ގޮތެއްގައި ހިފެހެއްޓުމުގެ ކުށަށް އިޢުތިރާފުވެފައެވެ.

މައްސަލައިގެ ފަސްމަންޒަރު:

މި ހާދިސާ ހިނގާފައިވަނީ 2024 ޖަނަވަރީ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ޢިމާރާތެއްގެ މަތީގައި އޮތް ބަގީޗާއެއްގައި ދެމީހަކު އެކަހެރިވެ އުޅެނިކޮށް ފެނުމުން، ޝާރުލްނައިމް ވަނީ ގަސްތަކުގެ ނިވަލުގައި ފިލައިހުރެ އެމީހުންގެ ފަސް ވީޑިއޯއެއް ނަގާފައެވެ.

އޭގެ މަސްތަކެއް ފަހުން، މެއި މަހުގެ ތެރޭގައި އެ އަންހެންމީހާ އޭނާގެ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިފުޅު ގޮވައިގެން ކްލިނިކެއްގައި އިންދާ ޝާރުލްނައިމް އޭނާއާ ކުރިމަތިލިއެވެ. އަދި އޭނާގެ އަތުގައި އެ ވީޑިއޯ އޮތްކަމުގެ ހެކި ދެއްކުމަށްފަހު، ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލާނެ ކަމުގެ ބިރުދެއްކިއެވެ. އެއަށްފަހު، އެ ވީޑިއޯ ފުހެލުމުގެ ބަދަލެއްގެ ގޮތުން 1،000 ޑޮލަރާއި، އޭނާއާއެކު ޖިންސީ ގުޅުން ހިންގުމަށް ޑިމާންޑް ކުރިއެވެ. ނަމަވެސް، އަނިޔާ ލިބުނު ފަރާތުން އެކަމަށް އިންކާރުކޮށް މައްސަލަ ފުލުހުންނަށް ރިޕޯޓްކުރިއެވެ.

ފުލުހުން މި މައްސަލަ ތަޙުޤީޤުކުރަން ފެށުމުންވެސް، އޭނާ ވަނީ ސުޕަމާކެޓަކުން އެ އަންހެންމީހާއާއި އޭނާގެ ޢާއިލާއާ ބައްދަލުކޮށް، މައްސަލަ އަނބުރާ ގެންދިއުމަށް އެދި އާދޭސްކޮށް، ރިޝްވަތު ދިނުމަށްވެސް ހުށަހަޅާފައެވެ.

ދެވަނަ ހާދިސާއެއް:

މި މައްސަލައިގެ ތަޙުޤީޤު ހިނގަމުން ދަނިކޮށް، 2025 ފެބްރުއަރީ މަހުގެ ތެރޭގައި ކާރެއްގެ ތެރޭގައި ތިބި އެހެން ޒުވާން ދެމަފިރިއަކަށްވެސް އޭނާ ވަނީ މިފަދަ ގޯނާއެއް ކޮށްފައެވެ. އެގޮތުން އޭނާއަކީ ފުލުހެއް ކަމަށް ބުނެ ދޮގުހަދައި، އެމީހުންގެ ފޮޓޯ ނަގައި ބިރުދެއްކުމަށްފަހު، އޭގެ ތެރެއިން އަންހެން ކުއްޖާ އޭނާގެ ކާރަށް އަރުވައިގެން ގަދަކަމުން ގެންގޮސްފައިވެއެވެ.

ކޯޓުގެ ނިންމުމާއި ފަނޑިޔާރުގެ ބަސް:

މައްސަލައިގެ ޙުކުމް އިއްވަވަމުން ޑިސްޓްރިކްޓް ޖަޖް ސެމިއުލް ވީ ވިދާޅުވީ، ޝާރުލްނައިމްގެ މި ފިނޑި އަދި ރޭވުންތެރި ޢަމަލުތަކުގެ ސަބަބުން އެންމެ ބޮޑު ހިތްދަތިކަމަކާއި ލަދުވެތިކަމެއް ތަޙައްމަލުކުރަން ޖެހުނީ އޭނާގެ އަމިއްލަ އަނބިމީހާއަށް ކަމަށެވެ.

ޝަރީޢަތުގެ މަޖިލީހުގައި އެ ދެމަފިރިންގެ އެއް މަސްވީ ތުއްތު ދަރިފުޅު އުރާލައިގެން ހުރި ޝާރުލްނައިމްގެ އަނބިމީހާ އިނީ ނުހަނު އަސަރުކޮށް، ކީރިތިކުރާ ހާލުގައެވެ. ފަނޑިޔާރު ވިދާޅުވީ، ޝާރުލްނައިމް ޖަލުގައި ހުންނަ މުއްދަތުގައި އޭނާގެ ދަރިން ބޮޑުވާނީ ބައްޕައެއްގެ އެހީތެރިކަމާ ނުލައި ކަމަށާއި، އޭނާގެ ޢަމަލުތަކުގެ ބުރަ އުފުލަން ޖެހިފައިވަނީ ކުށެއްނެތް އޭނާގެ ޢާއިލާއަށް ކަމަށެވެ.

ޙުކުމް ތަންފީޒުކުރުމަށް ޖަލަށް ގެންދިއުމުގެ ކުރިން، ކޯޓުގެ ބިއްލޫރިގަނޑުގައި ހުރި ލޯވަޅެއްގެ ތެރެއިން އޭނާގެ ތުއްތު ދަރިފުޅަށް އަލްވަދާޢު ކިޔުމުގެ ފުރުޞަތު ކޯޓުން ވަނީ ޝާރުލްނައިމަށް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް