އެފްއޭއެމް
އެފްއޭއެމް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން ލާމަރުކަޒީކޮށް، މުޅި ރާއްޖެއަށް ފުޓްބޯޅައިގެ ފުރުޞަތުތައް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އޮފީސްތައް ހުޅުވުމަށް އެ އިދާރާއިން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ 16 ވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނިންމި ނިންމުމާ އެއްގޮތަށް، ނޯތު ރީޖަންގެ މައި އިދާރާ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫގައެވެ. އަދި ސެންޓްރަލް ރީޖަންގެ އޮފީސް އދ. މަހިބަދޫގައި ހިންގުމަށް ނިންމާފައިވާއިރު، ސައުތު ރީޖަންގެ މައި މަރުކަޒަކަށް ކަނޑައަޅާފައިވަނީ ލ. ގަމެވެ. މީގެއިތުރުން މާލެ ސަރަޙައްދުގެ އޮފީސް ހިންގާނީ މާލޭގައެވެ.

ސަރަޙައްދީ އޮފީސްތަކުގެ އިތުރުން، ރާއްޖޭގެ ފުޓްބޯޅައިގެ ހުނަރުވެރިން އިތުރަށް އުފައްދައި، ކުޅުންތެރިންނާއި އޮފިޝަލުންގެ ޓެކްނިކަލް ފެންވަރު މަތިކުރުމުގެ މުހިންމު މަޤްޞަދުގައި ޚާއްޞަ ޑިވެލޮޕްމަންޓް އޮފީހެއް ބ. އޭދަފުށީގައި ޤާއިމުކުރުމަށްވެސް އެގްޒެކެޓިވް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެފްއޭއެމުން މަޢުލޫމާތު ދޭ ގޮތުގައި މި ރަށްތައް ޚިޔާރުކޮށްފައިވަނީ، އެ ރަށްތަކަކީ ކުޅިވަރުގެ އަސާސީ ވަސީލަތްތަކާއި ފުޓްބޯޅަ ދަނޑުތައް އެކަށީގެންވާ ފެންވަރަކަށް ތަރައްޤީވެފައިވާ، އަދި ސަރަޙައްދީ ގޮތުން ގިނަ ރަށްތަކަކަށް ފަސޭހައިން ވާސިލުވެވޭނެ މަރުކަޒީ ރަށްތަކަކަށް ވާތީއެވެ.

އެފްއޭއެމްގެ އަސާސީ ޤަވާއިދަށް ގެނައި ބަދަލުތަކާ އެއްގޮތަށް ތަންފީޒުކުރާ މި އާ އޮނިގަނޑުގެ ސަބަބުން، މުޅި ރާއްޖެއަށް ފުޓްބޯޅަ މުބާރާތްތަކާއި ތަމްރީނުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން އަތޮޅުތަކުގެ ޓީމުތަކާއި ކުޅުންތެރިންނަށް އެފްއޭއެމްގެ ރަސްމީ ނިޒާމުގެ ތެރެއިން ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްދިއުމުގެ ދޮރު އިތުރަށް ހުޅުވިގެންދާނެ ކަމަށް އެ އިދާރާއިން އުންމީދު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު