ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު-
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު-
ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ޑރ. އިބްރާހިމް ޒުހުރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ފަލަސްތީނުގެ ސަރުކާރަށް އަރުވައިފިއެވެ.

އޮންލައިންކޮށް ބޭއްވުނު މި ޚާއްސަ ރަސްމިއްޔާތުގައި، ސަފީރު ޑރ. އިބްރާހިމް ޒުހުރީގެ ފަތްކޮޅު ރައްދުކޮށްދެއްވީ ފަލަސްތީނުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓް ޑރ. އަގަބެކިއަން ވަރެސަން އަށެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު ރަސްމީ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސަށާއި ފަލަސްތީނުގެ އަޚުވަންތަ ރައްޔިތުންނަށް ހެޔޮ އެދުންތަކާއި ތަހުނިޔާ ސަފީރު ޒުހުރީ ވަނީ ރައްދުކޮށް ދެއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ޒުހުރީ ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އިސްލާމީ އަޚުވަންތަ ގުޅުން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ މި ގާތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ އުއްމީދު ފާޅުކުރެއްވިއެވެ.

މީގެއިތުރުން، ފަލަސްތީނުގެ ޙައްޤުގައި އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަފީރު ދެއްވިއެވެ. އެގޮތުން، ފަލަސްތީނަކީ މިނިވަން، އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން އަބަދުވެސް ބަލައިގަންނަ ކަމަށާއި، ފަލަސްތީނުގެ ބޯޑަރުތައް ކަނޑައަޅަންވާނީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅި، ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވެން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ފަލަސްތީނުގެ ޚާރިޖީ ވަޒީރު ވަނީ ސަފީރުކަމުގެ މަގާމާ ޑރ. ޒުހުރީ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ދަންނަވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ދިވެހިރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް