ސަމަރު
ސަމަރު
އިސްރާއީލުގެ ރަޙުމެއްނެތް ޙަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުންނަށް، ފިނި މޫސުމުގެ ގަދަ ވިއްސާރައާއި ތޫފާނާއެކު އިތުރު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ވަގުތީ ހިޔާވަހިކަމެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ނިކަމެތި ފޮތި ޓެންޓުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، އެތައް ހާސް ކުޑަކުދިންނެއް މިވަނީ ފިންޏާއި ތެމުމުގެ ތެރޭގައި އެއްވެސް ޙިމާޔަތެއް ނެތި ހާލުގައި ޖެހިފައެވެ.

"އަހަރެންގެ ހުރިހާ އަންނައުނަކާއި ތަންމަތި ވަނީ އެއްކޮށް ތެމިފޯވެފައި. އިށީންނާނެ ތަނެއް، އަދި އަރާމުކޮށްލާނެ ތަންކޮޅެއްވެސް މިހާރަކު ނެތް." މިއީ ފިނި މޫސުމުގެ މޫސުމީ ވިއްސާރައިގައި ޓެންޓުތައް ފެންބޮޑުވުމުގެ ސަބަބުން މަގުމަތިވެފައިވާ، އުމުރުން އެންމެ 7 އަހަރުގެ ސަމަރުގެ ހިތްދަތި ޝަކުވާއެވެ.

ބޯ ވާރެޔާއި ގަދަ ވަޔަށްފަހު ފެނިގެންދިޔައީ، ސަމަރު އޭނާގެ ޢާއިލާއާއެކު ފެންބޮޑުވެފައިވާ ޓެންޓުގެ ތެރެއިން ބޭނުންކުރެވޭނެ މަދު ސާމާނުކޮޅު ސަލާމަތްކުރުމަށް ގަދައަޅައި ކުރަމުންދިޔަ ހިތްދަތި މަސައްކަތެވެ. ސަމަރު ކިޔައިދިން ގޮތުގައި، ވާރޭގެ ބޯކަމުންނާއި ގަދަ ފިނީގެ ސަބަބުން، އެ މީހުން ދިރިއުޅެމުންދާ ވީދިފައިވާ ފޮތި ޓެންޓުތަކަށް އެ ހިތްދަތިކަން ކެތެއް ނުކުރެވެއެވެ.

ޔަހޫދީ އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކާ ގުޅިގެން އަމިއްލަ ގެދޮރު ދޫކޮށް ހިޖުރަކުރަން މަޖުބޫރުވި ސަމަރުގެ އާއިލާ މިހާރު ދިރިއުޅެމުންދަނީ، ފިނި މޫސުމުގެ ގަދަ ފިނިން ރައްކާތެރިކަން ހޯދައިދެވޭނެ އެއްވެސް ވަސީލަތެއް ނެތް ނިކަމެތި ހާލުގައެވެ. ޣައްޒާގެ އެކި ކަންކޮޅުތަކުގައި، ފިނި މޫސުމުގެ ވިއްސާރައާއެކު ސަމަރުގެ އާއިލާ ފަދަ އެތައް ހާސް އާއިލާތަކަކުން ދަނީ އެމީހުންގެ ތުއްތު ދަރިން ފިންޏާއި ތެމުމުން ސަލާމަތްކޮށް، ދިރިތިބުމަށްޓަކައި ބޮޑު ޖިހާދެއް ކުރަމުންނެވެ.

މި ނުރައްކާތެރި ޙާލަތާ ގުޅިގެން، އދ. ގެ ކުޑަކުދިންނާ ބެހޭ ޖަމްޢިއްޔާ (ޔުނިސެފް) އިން ދަނީ ޣައްޒާގެ ކުޑަކުދިންނަށާއި އާއިލާތަކަށް ބޭނުންވާ ބޯ އަންނައުނާއި، ރަޖާ އަދި ފެން ނުވަންނަ ފޮތި (ޓާޕޯލިން) ފޯރުކޮށްދިނުމަށް އަވަސް މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް، ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު އިންތިހާއަށް ގިނަވެފައި، އެހީގެ މަގުތައް ބަންދުވެފައިވުމުގެ ސަބަބުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން މިއަށްވުރެ ފުޅާ ދާއިރާއެއްގައި އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަކީ މިހާރު ކޮންމެހެން ބޭނުންތެރި ކަމެކެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޒަޔަނިސްޓް އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމާއި މެދުކެނޑުމެއްނެތް ބޮންއެޅުންތަކުގެ ސަބަބުން، އެ ސިޓީގެ އާބާދީގެ ބޮޑުބައެއް ވަނީ މަގުމަތިވެ ހާލުގައި ޖެހިފައެވެ. ޢާންމުންގެ ގެދޮރާއި މުޅި ޢުމްރާނީ ވަސީލަތްތައް ސުންނާފަތިކޮށްލުމުގެ ސަބަބުން، އެތައް ލައްކަ ބަޔަކު ދިރިއުޅެން މަޖުބޫރުވެފައިވަނީ އިންސާނީ ކަރާމާތެއް ނެތް ވަގުތީ ޓެންޓުތަކުގައެވެ.

ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ޞިއްޙީ ފަރުވާގެ ޚިދުމަތްތަކުން މަޙްރޫމްވެފައިވާ މި ނިކަމެތި ރައްޔިތުންނަށް، މިހާރު މި ކުރިމަތިލާން ޖެހިފައިވާ ފިނި މޫސުމުގެ ގަދަ ވިއްސާރައަކީ ތަޙައްމަލުކުރަން ދަތި އިތުރު އަނިޔާއެކެވެ. މިއީ ބައިނަލްއަޤްވާމީ ދުނިޔެ ހިމޭނުން އޮވެގެން ނުވާނެފަދަ، އިންސާނިއްޔަތުކަން ކުދިކުދިވެގެންދާ ބޮޑު ކާރިސާއެކެވެ.

https://www.genocidewatch.com/single-post/children-s-lives-at-risk-as-gaza-shelters-flood



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް