އެމްއެންޔޫގެ ކުރީގެ ޗާންސެލާ ޑރ. ހަސަން ހަމީދު
އެމްއެންޔޫގެ ކުރީގެ ޗާންސެލާ ޑރ. ހަސަން ހަމީދު
ހޯމް ސްކޫލިންގެ ފުރުޞަތު އޮންނަންޖެހޭނީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކަނި ނޫންކަމަށް ޤައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދު ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، އެކި ކަހަލަ ނަފްސާނީ ޙާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް އަމާޒުކޮށްގެން ގޭގައި ތިބެގެން މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށް "ހޯމް-ސްކޫލިން" ޕްރޮގްރާމް ތަޢާރަފުކުރުމަށްޓަކައި، ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ނަމަވެސް، އެ ބިލަށް ޚިޔާލު ހުށަހަޅުއްވައި ޑރ. ޙަސަން ޙަމީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ހޯމް ސްކޫލިންއަކީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އޮންނަ ވަސީލަތެއް ނޫން ކަމަށެވެ.

"މިސާލަކަށް ބެލެނިވެރިޔަކާއެކު ކުޑަކުއްޖަކު ޔޮޓެއްގައި އެކި ރަށްރަށަށް ދަތުރުކުރާނަމަވެސް، ސްކޫލަށް ނުފޮނުވައި ތަޢުލީމު ދެވިދާނެއެވެ." ޑރ. ޙަސަން ޙަމީދުގެ ޚިޔާލުގައި ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން، ކުރިން ޤާނޫނުގައި އިސްތިސްނާގެ ދާއިރާ ފުޅާކޮށް އޮތް ގޮތް މާ ރަނގަޅުކަމަށް ފެނިވަޑައިގަންނަވާ ކަމަށް ޑރ. ޙަސަން ޙަމީދު ވިދާޅުވިއެވެ.

ހޯމް ސްކޫލިންއާ ގުޅޭ މި ބިލުގެ ބަހުސް ނިންމައި މަޖިލީހަށް ބަލައިގެންފައިވާއިރު، ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް