ސަރުކާރާއި، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ހުއްޓުމެއްނެތި މަސައްކަތް ކުރާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމުގެ މަރުޙަލާގައި މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފްލާގާއި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ސެޕްޓެމްބަރ 30 އިން މި މަހުގެ ހަޔަކާ ހަމައަށް ކުންފުނީގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން އެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމާލެވުނު ކަމަށާއި، އެކަމަށްޓަކައި ކުންފުނީގެ މުވައްޒަފުން ކޮށްދެއްވި ބުރަ މަސައްކަތައް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ.

މި ރަސްމިއްޔާތުގައި ޑރ. އަޒުވަރު އިތުރަށް ވިދާޅުވީ، މި ބަދަލާއެކު ރާއްޖޭގެ ޔުޓިލިޓީ ދާއިރާގައި މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ދައުރާއި ޒިންމާ ކުރިއަށްވުރެ ބޮޑުވެގެންދާނެ ކަމަށާއި، ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ސްޓެލްކޯއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރަންޖެހޭ ކަމަށެވެ.

އަދި ސަރުކާރުގެ ލެވެލްގައާއި ރައްޔިތުންގެ ފަރާތުން މިކަމުގައި ކުރާ އުންމީދުތައް އިތުބާރާއެކު ފޯރުކޮށްދިނުމަށްޓަކައި، ކުންފުނީގެ ހުރިހާ މުވައްޒަފުން، ޚާއްޞަކޮށް އިސް ސަފުގައި ތިއްބެވި ބޭފުޅުން ސްޓްރެޓީޖިކަލީ މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން، އިތުބާރު ހުރި ހިދުމަތެއް ލިބޭ ތަނެއްގެ ގޮތުގައި ސްޓެލްކޯގެ ބްރޭންޑް މިހާރުވެސް ހިފެހެއްޓިފައިވާކަން އެމްޑީ ފާހަގަކުރެއްވިއެވެ. ފެނަކައިގެ އިންވެސްޓްމަންޓްތަކާއެކު ދިވެހިރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުނީގެ ގޮތުގައި މިހާރު އެންމެން ގުޅިގެން ކުރިއަށްދާއިރު، ރައްޔިތުންނާއި ސަރުކާރުން ކުރާ އުންމީދުތައް ހަގީގަތަކަށް ހެދުމުގެ ޒިންމާގެ ބޮޑުކަން އިހުސާސްކުރެއްވޭ ކަމަށް އެމްޑީ ވިދާޅުވިއެވެ.

“މި ޒިންމާއަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ،" އެމްޑީ ވިދާޅުވިއެވެ.

އަދި ވިދާޅުވީ ސްޓެލްކޯގެ ތެރޭގައި މިހާރުވެސް ހިފަހައްޓަމުންދާ ރަނގަޅު އުސޫލުތައް ކުރިއަށް އޮތް ތަނުގައިވެސް ހިފަހައްޓަމުން ގެންދެވިއްޖެނަމަ، ދިމާވާ ގިނަ ކަންތައްތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތާއެކު މި ނިންމައިލެވުނީ ތާރީހީގޮތުން ނުހަނު މުހިންމު މަސައްކަތެއް ކަމަށެވެ.

ހާއްސަކޮށް މި ފުރަތަމަ މަރުޙަލާގެ ދުވަސްތަކުގައި، މުވައްޒަފުންނާ ގުޅޭގޮތުން ގެންގުޅޭ އެންމެހައި އުސޫލުތައް ފުރިހަމައަށް ދަމަހައްޓައި، ސްޓެލްކޯއަކީ ހަރުދަނާ އުސޫލެއްގެ ތެރެއިން ހިނގާ ތަނެއްކަން ހުރިހާ މުވައްޒަފުންނަށް އިހުސާސްވާންޖެހޭނެ ކަމަށް ޑރ. އަޒުވަރު ވަނީ ވިދާޅުވެފައެވެ.

އަދި މި މަރުހަލާ ކާމިޔާބުކަމާއެކު ނިންމައި، ހިދުމަތްތަކާ ހަވާލުވުމަށްފަހު ދެން އޮތް އެންމެ ބޮޑު އަދި އުނދަގޫ މަސައްކަތަކީ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުން ކަމަށާއި، ރަށްރަށުގެ ފެންވަރުގައި ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ކުންފުންޏާ މެދު އޮތް ވަރަށް ބޮޑު އުންމީދަކަށްވާތީ، އެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވަމުން ޑރ. އަޒުވަރު ވިދާޅުވީ، ހާއްސަކޮށް ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށުގެ ހިދުމަތްތައް ތަރައްގީކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށް މިހާރުވެސް ރޭވިފައިވާ ކަމަށެވެ. މީގެ އިތުރުން އަދިވެސް ވަރަށް ގިނަ ރަށްރަށުގައި އިންޖީނުގެތައް ހުރީ އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކަމަށާއި، ބައެއް ރަށްރަށުގައި ރަށުގެ މެދުތެރޭގައާއި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ހުރުމުގެ ސަބަބުން، އިންޖީނުތަކުގެ އަޑާއި ދުމުގެ އުނދަގޫ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް އިންތިހާއަށް ފޯރަމުންދާކަން ޑރ. އަޒުވަރު ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ސަރުކާރުގެ މިހާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް މިފަދަ އިންޖީނުގެތައް އާންމުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރަށް ބަދަލުކުރުން ކަމަށާއި، އަންނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެކަށީގެންވާ ބޮޑެތި މަސައްކަތްތަކެއް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މީގެ އިތުރުން މިއީ ކުރު މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ވަރަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކަމަށްވެސް ޑރ. އަޒުވަރު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު