ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ޤައުމެއްގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތް ކުރުމުގެ ޙަޤީޤީ ބާރާއި ފަންވަރު ލިބިގެންދަނީ އެ ޤައުމެއްގެ އިޤްތިޞާދު ވަރުގަދަ ކުރެވިގެން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އިސްތިޢުމާރީ އަޅުވެތިކަން ތަޙައްމަލުކުރި ޤައުމުތަކުގެ ތެރެއިން ތަރައްޤީ ކަށަވަރު ކުރެވުނީ ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔައި، އެ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފި ޤައުމުތަކަށް ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ، ޤައުމަކަށް އަންނަ ބޭރުގެ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ރޯ މެޓީރިއަލް ނުވަތަ ޤުދުރަތީ ވަސީލަތްތައް ނެގުމަށް އެކަނި ކުރެވޭ ކަމަކަށް ވެގެން ނުވާނެކަން ފާހަގަ ކުރަށްވާފައެވެ. އޭގެ ބަދަލުގައި، އެ ތަކެތި ޕްރޮސެސްކޮށް، އުފެއްދުންތެރިކަމަށް މަގުފަހިވާނޭ ފަދަ އިންވެސްޓްމަންޓްތަކަކަށް ވުން ލާޒިމުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަމުގެ މިސާލު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސިންގަޕޫރު އަދި ދެކުނު ކޮރެއާ ފަދަ ޤައުމުތަކުން ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް ބަލައިގަތުމުގެ ސަބަބުން އެ ޤައުމުތަކުގެ މިނިވަންކަމަށް ނުވަތަ އިސްތިޤްލާލަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި، އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ޤައުމުތަކުގެ އިޤްތިޞާދު ނުހަނު ވަރުގަދަވެގެން ދިޔަކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ލިބުނު އިޤްތިޞާދީ ބާރާއެކު، އަމިއްލަ އިސްތިޤްލާލް ފުރިހަމައަށް ޙިމާޔަތް ކުރުމުގެ ފަންވަރު އެ ޤައުމުތަކަށް ލިބި، ބައިނަލްއަޤްވާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ މުހިންމު ޖާގައެއް އެ ޤައުމުތަކުން ކަށަވަރުކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވެފައިވާއިރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފުރިހަމައަށް ތާޢީދު ކުރަށްވާ ކަމަށް އެމަނިކުފާނު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ ބައެއް ބޭފުޅުންގެ ފަރާތުން ފެންނަމުންދާ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރަށްވަމުން ނަޝީދު މީގެ ކުރިން ވިދާޅުވީ، ބޭރު މީހުންނަށް ނަފުރަތު ކުރުމާއި، ހަރުކަށި ވަތަނީ ވިސްނުންތަކަށް ޕާޓީގެ ތެރެއިން ޖާގަ ދިނުމަކީ އެމްޑީޕީ އުފެއްދި އަސާސްތަކާއި ސިޔާސީ އައިޑެންޓިޓީއާ މުޅިން ޚިލާފު ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު