މަޖިލީހަށް ވަޑައިގެންނެވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެމްބަރުން އެދުމަކަށް ފަހުން ހުށައެޅުނު ބިލްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި ސަބަބާއި ގުޅޭގޮތުން މީޑިޔާ އަކަށް މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލްތައް ފޮނުއްވަނީ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅޭ މުހިންމު ބިލުތަކާ ގުޅޭގޮތުން މެމްބަރުން މައުލޫމާތު ބޭނުންފުޅުވާ ހިނދު، އެ މައުލޫމާތު ފޯރުކޮށްދިނުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި އެއީ އަލަށް ހިނގި ކަމެއް ނޫން ކަމަށް އޭޖީ ވިދާޅުވިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، ސަރުކާރުގެ ފަރާތުން މިވަގުތު ހަތަރު ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި

ރިއަލް ސްޓޭޓް ބިލާއި، އަބުރު ރައްކާތެރިކުރުމުގެ ބިލާއި އަދި މަރުގެ ހުކުމް ތަންފީޒުކުރުމުގެ ބިލުގެ އިތުރުން އިމިގްރޭޝަން ބިލް ހިމެނެއެވެ.

މި ހަތަރު ބިލާ ގުޅޭގޮތުން މެމްބަރުން ސާފުކުރައްވަން ބޭނުންފުޅުވި ހުރިހާ ކަމެއް ސާފުކޮށްދީފައިވާނެ ކަމަށާއި، މި ބައްދަލުވުމުގައި ބިލްތަކަށް އިތުރު އިސްލާހެއް ހުށަހެޅުން ފަދަ އިތުރު އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް އޭޖީ ވިދާޅުވިއެވެ. އަދި މަޖިލީހުގެ ކޮންމެ މެމްބަރަކު އެދިވަޑައިގެންނެވި ނަމަވެސް، ޤާނޫނީ ލަފަޔާއި މައުލޫމާތު ދިނުމުގެ ކަންކަން ކުރިއަށް އޮތް ތަނުގައިވެސް ހަމަޖެހިފައިވާ އުސޫލުން ފޯރުކޮށްދެމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގައި ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ދައުލަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކާއި، ސަރުކާރުން އެކުލަވާލާ ޤާނޫނީ ސަނަދުތަކާއި ޤަވާއިދުތައް ޤާނޫނީ ހަމަތަކުގެ މަތިން ލިޔެ ތައްޔާރުކުރުމާއި، ސަރުކާރުގެ ފަރާތުން އެ ބިލްތައް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ބެލެހެއްޓުން ހިމެނެއެވެ.

މަޖިލީހަށް ރޭ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި އެޓާނީ ޖެނެރަލް އަހްމަދު އުޝާމްގެ އިތުރުން ބައެއް މިނިސްޓަރުން ހިމެނިވަޑައިގަންނަވައެވެ.މި ބައްދަލުވުމުގައި ނައިބުރައީސާއެކު ބައިވެރިވެވަޑައިގެންނެވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އާއި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.



ކިޔުންތެރިންގެ ހިޔާލު