އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޤުރުއާނުގެ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ 58 ގޮތްޕެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ހުއްޓުމެއްނެތި ކުރިއަށްދާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ޤުރުއާނުގެ ގޮފިތައް ފެތުރިގެން ދިއުން ކަމަށެވެ. އެގޮތުން މިހާރުވެސް 30 ރަށެއްގައި ގޮފިތައް ޤާއިމުކޮށްފައިވާއިރު، އިތުރު 20 ރަށެއްގައި އެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި އަލަށް ބިނާކުރާ 58 ތަނުގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި އަދި އިތުރު 30 ތަނެއް ހިމެނުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މީގެއިތުރުން، ޤައުމީ ޤުރުއާން މުބާރާތުގެ ހައިބަތު ބޮޑުކޮށް، އެއްވެސް މުއައްސަސާއެއްގެ ހުރަހެއްނެތި ކޮންމެ ކުއްޖަކަށްވެސް ވާދަކޮށް ވަނަ ހޯދޭނެ މަގު މިހާރު ފަހިކޮށްދީފައިވާކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ސްކޫލް މަންހަޖުގެ ތެރެއިން ޤުރުއާނަކީ ވަކިން ޓެސްޓު ނެގޭ މާއްދާއަކަށް ހެދުމަށް ތަޢުލީމީ ވުޒާރާއިން ކުރައްވާ މަސައްކަތްތަކަށާއި، މި މުބާރާތަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ދެއްވާ އެއްބާރުލުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ފަހަރުގެ މުބާރާތުގެ އޮޑިޝަން ބުރު މާލެއާއި އަތޮޅުތަކުގެ 22 ސަރަޙައްދެއްގައި ބޭއްވިއިރު، ރަޖިސްޓްރީވި 3050 ބައިވެރިންގެ ތެރެއިން 2742 ކުދިން ވަނީ އޮޑިޝަނުގައި ކިޔަވާފައެވެ. އަދި އޭގެ ތެރެއިން ސެމީ ފައިނަލަށް ހޮވިފައިވަނީ 379 ބައިވެރިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް