އިންޖިނިއަރ އޮފް ދަ އިޔަރ 2026 އަށް ހޮވުނު ޑޮކްޓަރ ފުރުޤާން އިބްރާހީމް އަށް ރައީސް އެވޯޑު ހަވާލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
އިންޖިނިއަރ އޮފް ދަ އިޔަރ 2026 އަށް ހޮވުނު ޑޮކްޓަރ ފުރުޤާން އިބްރާހީމް އަށް ރައީސް އެވޯޑު ހަވާލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ޢުމްރާނީ ސިނާޢަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ނަމޫނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އިންޖިނޭރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދައުލަތުން އަލަށް ތަޢާރަފުކުރި "އިންޖިނިއަރސް އެވޯޑް 2026" ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ބަރސެލޯ ނަސަންދުރާގައި މިރޭ ކުލަގަދަކޮށް ބޭއްވި މި ޚާއްޞަ ރަސްމިއްޔާތަކީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އެންމެ މުހިންމު އެއް ބިންގާ ކަމުގައިވާ އިމާރާތްކުރުމުގެ ސިނާޢަތަށާއި، އިންޖިނިއަރިންގ ދާއިރާއަށް ދިވެހި ފަންނުވެރިން ކުރާ ބުރަ މަސައްކަތްތައް ޤައުމީ ފެންވަރުގައި ބަލައިގަތުމަށް އެޅުނު ތާރީޚީ މުހިންމު ފިޔަވަޅެކެވެ. މިއީ މިފަދަ ގޮތަކަށް އިންޖިނިއަރުންގެ މަސައްކަތްތައް ފާހަގަކޮށް، ދައުލަތުގެ އެންމެ މަތީ ފެންވަރުގައި މިފަދަ އެވޯޑެއް އެރުވި ފުރަތަމަ ފަހަރެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ޖުމްލަ 10 ގިންތިއަކުން މި އެވޯޑަށް ފުރުޞަތު ހުޅުވާލިއިރު، މިރޭގެ ހަފުލާގައި ފާހަގަކޮށްލެވޭ ގިނަ ދާއިރާތަކަކުން ވަނީ އެވޯޑު ދީފައެވެ. އޭގެ ތެރޭގައި ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް، އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް، ޔަންގް އިންޖިނިއަރ އެވޯޑް، ސްޓޫޑެންޓް އިނޮވޭޓަރ އެވޯޑް، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް އަދި ވިމެން އިން އިންޖިނިއަރިންގ އެވޯޑް ހިމެނެއެވެ.

މި ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އެވޯޑުތައް ޙައްޤުވެރީންނާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެގޮތުން، މި އަހަރުގެ "އިންޖިނިއަރ އޮފް ދަ އިޔަރ" ގެ ޝަރަފުވެރި އެވޯޑު ހާސިލުކުރެއްވީ ޑޮކްޓަރ ފުރުޤާން އިބްރާހީމްއެވެ.

މީގެ އިތުރުން، މި ދާއިރާއިން ދިގު މުއްދަތަކަށް ޤައުމަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް ދެއްވާ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ތިން ބޭފުޅަކަށް ވަނީ އަރުވާފައެވެ. އެއީ ޢަބްދުއްޝަކޫރު ޞާލިޙްގެ އިތުރުން، އެ ބޭފުޅުންގެ ހަނދާނުގައި އެވޯޑު އެރުވުނު އަލްމަރުޙޫމް އަޙްމަދު މަހުރީން އަދި އަލްމަރުޙޫމް މުޙައްމަދު ރަޝީދެވެ.

ދިވެހި އިންޖިނޭރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގެ އެވޯޑެއް ދެއްވަން ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ، 30 އޮގަސްޓް 2025 ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގެ ތާރީޚުގައި ހިންގުނު އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ ރަމްޒު ކަމުގައިވާ ސިނަމާލެ ބްރިޖު އިފުތިތާޙުކުރެވުނު ތާރީޚަކީ އެއީ ކަމަށްވާތީ، އެ ދުވަހުގެ މުހިންމުކަމަށް ރިޢާޔަތްކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް