ލ. ގަމު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު، ފޮޓޯ: އެމްޓީސީސީ
ލ. ގަމު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު، ފޮޓޯ: އެމްޓީސީސީ
ލ. އަތޮޅުގެ މައި އިޤްތިޞާދީ އަދި ދަތުރުފަތުރުގެ މަރުކަޒު ކަމަށްވާ ލ. ގަމުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ ބޮޑު މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް މިހާރު ނިމި، މަޝްރޫޢު ނިންމުމުގެ ފަހު މަރުޙަލާއާ ގާތްވެއްޖެއެވެ.

މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފައިވަނީ 25 އޮގަސްޓް 2021 ގައެވެ. އަދި މަސައްކަތުގެ ޢަމަލީ ސައިޓު މޮބިލައިޒްކޮށް، މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 5 މެއި 2022 ގައެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރަށް ވަންނަ ބޮޑެތި ރާޅުތައް ކޮންޓްރޯލް ކުރުމަށްޓަކައި 360 މީޓަރުގެ ބޭރުތޮށްޓެއް ޤާއިމުކުރުމާއި، ވެލި އަޅައިގެން ހަދާ ބޭރުތޮށި (ސޭންޑް ފިލްޑް ބްރޭކްވޯޓަރ) އެޅުމާއި، ބޮޑެތި އުޅަނދުފަހަރަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށް ނެރާއި ބަނދަރުގެ ފަޅު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން އެޕްރޯޗް ސްލެބް އެޅުމާއި، ރޭމްޕް އަދި ކަލްވަރޓް ހެދުމާއި، ކޮންކްރީޓް ޖެޓީ ހެދުމުގެ އިތުރުން ނެރުބައްތި އާއި މަގުބައްތި ހަރުކުރުންވެސް މަޝްރޫޢުގެ ދާއިރާގައި ހިމެނެއެވެ.

މަޝްރޫޢުގެ ކުރިއެރުމަށް ބަލާއިރު، މިހާތަނަށް 33،793 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ވަނީ ފުންކޮށްފައެވެ. އަދި ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ ގޮތުން 574.6 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 310 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކް އެއްގަމުތޮށި (ކީވޯލް) ލުމުގެ މަސައްކަތް ވަނީ ކުރިއަށް ގޮސްފައެވެ. މީގެއިތުރުން 151 މީޓަރުގެ ޖެޓީއަކާއި، 25 މީޓަރުގެ ބްރިޖެއް އެޅުމުގެ އިތުރުން ބަނދަރު ސަރަޙައްދުގައި 1،976 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްތައްވެސް ދަނީ ނިމެމުންނެވެ.

ލ. ގަމަކީ އެ އަތޮޅުގެ އެންމެ ބޮޑު އަދި އެންމެ އާބާދީ ބޮޑު އެއް ރަށެވެ. އަދި ފޮނަދޫ، ކައްދޫ އަދި މާމެންދޫއާ އެއްގަމު މަގުން ގުޅިފައިވާ ރަށަކަށް ވުމުން، ގަމުގެ ބަނދަރަކީ މުޅި އަތޮޅުގެ ދަތުރުފަތުރާއި އިޤްތިޞާދީ ޙަރަކާތްތަކުގެ މައި މަރުކަޒެވެ.

މި މަޝްރޫޢު އެއްކޮށް ނިމި ބޭނުންކުރަން ފެށުމުން، ލ. އަތޮޅުގެ މަސްވެރިކަމުގެ ސިނާޢަތަށާއި، މުދާ އުފުލުމުގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި މުޅި ސަރަޙައްދުގެ ޢާންމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ޙާޞިލުވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް