މުރައިދޫ މިސްކިތް އެޅުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
މުރައިދޫ މިސްކިތް އެޅުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހއ. މުރައިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށްދާއިރު، މިހާރު ސައިޓުގައި ކުރިއަށްދަނީ ކޮންކްރީޓް ރީއިންފޯސްމަންޓްގެ މުހިންމު މަސައްކަތްތައް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މުރައިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސޫދުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 7,789,771.62 ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

ޖުމްލަ 3،650 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ބިނާކުރާ މި މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. 365 ދުވަސް ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫއުގެ ދަށުން، މިސްކިތުގައި ޒަމާނީ ފެންވަރުގެ ގިނަ ވަސީލަތްތަކެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، ތަނަވަސް ނަމާދު ހޯލެއްގެ އިތުރުން ފިރިހެނުންނާއި އަންހެނުންނަށް ވަކިން ވުޟޫކުރެވޭނެ އިންތިޒާމުތަކާއި، ގުއްބާއި މުންނާރު އަދި މިހްރާބު ހިމެނެއެވެ. މީގެއިތުރުން ސައުންޑް ރޫމަކާއި، އިމާމުން އަރާމުކުރާނެ ކޮޓަރިއަކާއި، ސްޓޯރޭޖް ނުވަތަ ޖެނިޓަރ ކްލޯޒެޓެއްވެސް މި އިމާރާތުގައި ހިމެނޭނެއެވެ. އަދި ދީނީ އިލްމު އުނގެނުމަށް މަގުފަހިކުރުމުގެ ގޮތުން ލައިބްރަރީއެއް ހިމަނާފައިވާއިރު، މިސްކިތުގެ ވަށާފާރާއި، ގޯތިތެރެ ޒީނަތްތެރިކުރުމުގެ (ލޭންޑްސްކޭޕިންގ) މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ހަމައެއާއެކު، ތިމާވެއްޓާ ރައްޓެހި އަދި ހަކަތަ އިގްތިސާދު ކުރެވޭނެ ގޮތަށް މިސްކިތުގައި ސޯލާ ޕަވާ ސިސްޓަމެއް ގާއިމުކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ވަނީ ރޭވިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް