ސ. ފޭދޫ، ކަންމަތީގެ، ޢާއިޝަތު ޝީނާ (ވ)
ސ. ފޭދޫ، ކަންމަތީގެ، ޢާއިޝަތު ޝީނާ (ވ)
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރަސްމީ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި އަންހެނަކަށް ދީފިއެވެ.

މި ޝަރަފް ހޯދާފައިވަނީ ސ. ފޭދޫ، ކަންމަތީގެ، ޢާއިޝަތު ޝީނާއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ، ޝީނާ ހޯދި މި ކާމިޔާބީ ފާހަގަކޮށް، އޭނާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި މިއަދު ޚާއްޞަ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ޝީނާއާ ބައްދަލު ކުރައްވައި، ސަރުކާރުގެ ނަމުގައި އޭނާއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ރަސްމީ ޓުއަރ ގައިޑް ފާސް އޭނާއާ ޙަވާލުކޮށް ދެއްވާފައެވެ.

މާލެއަށާއި މީހުން ދިރިއުޅޭ އެކި ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޓުއަރ ހަމަޖައްސައިދިނުމުގައްޔާއި، ރާއްޖޭގެ މުއްސަނދި ތާރީޚާއި ސަގާފަތުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޓުއަރ ގައިޑުންނަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. މީގެއިތުރުން، އެރަށްރަށުން ލިބެން ހުންނަ ޢާންމު ޚިދުމަތްތަކާއި މަޢުލޫމާތު ފަތުރުވެރިންނާ ޙިއްޞާކުރުމަކީވެސް މިފަދަ ގައިޑުންގެ ޒިންމާއެކެވެ.



މި ސަރުކާރުން އިޤްތިޞާދީ ގޮތުންނާއި ފަންނީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވައެވެ. މިފަދަ ދާއިރާތަކުން ދިވެހި އަންހެނުން ކުރިއަރައިގެން ދިއުމަކީ ސަރުކާރުން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އަދި ފަތުރުވެރިކަމުގެ ސިނާޢަތުން އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަ ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު