ބަންޑާރަނައިބު އަޙްމަދު އުޝާމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ބަންޑާރަނައިބު އަޙްމަދު އުޝާމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާޙުތަކާއެކު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ މައްސަލައަށް އެދެވޭ އަދި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބޭރު ފައިސާގެ ޤާނޫނަށް ގެނެވުނު މުހިންމު އިސްލާޙުތަކަށް ޢަމަލުކުރަން ފަށާފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، އާ އުސޫލުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރުން ލާޒިމުވާނެ ކަމަށެވެ.

ގާނޫނަށް ސެޕްޓެމްބަރު 1 އިން ފެށިގެން އަމަލުކުރަން ފަށާފައިވާތީ، އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ހިނގަން ފަށާނެއެވެ.

މީގެއިތުރުން، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކުމާއި، ހުއްދައެއް ނެތި ނުވަތަ ރަޖިސްޓްރީ ނުކޮށް ބޭރު ފައިސާގެ ވިޔަފާރިކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްކަން ފާހަގަކުރައްވައި، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމުގެ އިންޒާރު އޭޖީ ދެއްވިއެވެ.

އަދި ބޭރު ފައިސާއާ ބެހޭ ގާނޫނާއި، އެމްއެމްއޭގެ ގާނޫނު އަދި ބޭންކިންގ ގާނޫނުތަކަށް އެންމެހައި ފަރާތްތަކުން ވެސް ފުރިހަމައަށް ބޯލެނބުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ކަމާބެހޭ ސަރުކާރުގެ އިދާރާތައް ގުޅިގެން ވަނީ ވަރުގަދަ މަސައްކަތްތަކެއް ފަށާފައެވެ.

ސަރުކާރުގެ އަމާޒަކީ ގާނޫނީ އިމުގެ ތެރެއިން ބޭރު ފައިސާ މާރުކުރުން ހަރުދަނާކޮށް، އިޤްތިޞާދަށް ދިމާވެފައިވާ ޑޮލަރުގެ ތަދުމަޑުކަމަށް އަވަސް ހައްލެއް ހޯދައިދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު