ދުނިޔޭގެ ސަތަހައިގެ ކުރެހުމެއް
ދުނިޔޭގެ ސަތަހައިގެ ކުރެހުމެއް
އެމެރިކާގެ އަސްކަރިއްޔާއިން ދުނިޔޭގެ އޯބިޓް (ފަޒާ) ގައި "ސްޕޭސް ކޮންޓްރޯލް" ހަތިޔާރުތަކެއް ޤާއިމުކޮށްފައިވާކަން އެމެރިކާގެ އެއާ ފޯސް ސެކްރެޓަރީ ޓްރޯއި މެއިންކް ފުރަތަމަ ފަހަރަށް ރަސްމީކޮށް ހާމަކުރައްވައިފިއެވެ.

މިއީ ފަޒާގައި އެމެރިކާއިން ހަތިޔާރު ބޭނުންކުރަމުންދާކަން އެމެރިކާ ސަރުކާރުގެ އިސް މަސްއޫލުވެރިއަކު މިފަދަ ގޮތަކަށް އާންމުކޮށް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

މެރީލޭންޑްގެ ނޭޝަނަލް ހާބާގައި ބޭއްވި "އެއާ & ސްޕޭސް ފޯސަސް އެސޯސިއޭޝަން" (އޭއެފްއޭ) ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޓްރޯއި މެއިންކް ވިދާޅުވީ، ދުނިޔޭގެ މަސްރަޙުގައި އުފެދެމުންދާ ނުރައްކާތަކަށް ކުރިމަތިލުމަށް އެމެރިކާ އަބަދުވެސް ތައްޔާރަށް އޮންނަންޖެހޭ ކަމަށެވެ.

އަދި އެމެރިކާގެ ސައިޒީ އަދި އަސްކަރީ ބާރުތަކަށް ދުޝްމަނުންގެ ފަރާތުން ކުރިމަތިވެދާނެ ހަމަލާތަކުން ދިފާއުވުމަށްޓަކައި، ފަޒާގައި "ސްޕޭސް-ކޮންޓްރޯލް" ހަތިޔާރުތައް މިހާރުވެސް ޤާއިމުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ފަޒާގައި ބަހައްޓާފައިވާ ހަތިޔާރުތަކުގެ ތަފްސީލާއި، އެއީ ކޮން ބާވަތެއްގެ ހަތިޔާރެއްކަމެއް މެއިންކް ހާމައެއް ނުކުރައްވައެވެ.

ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އެ ހަތިޔާރުތަކުގެ ތަފްސީލު ހާމަނުކުރި ނަމަވެސް، އެފަދަ ހަތިޔާރުތަކެއް ހުރިކަން ހާމަކުރުމަކީ އިދިކޮޅު ފަރާތްތަކުން ދީފާނެ ހަމަލާތަކުން ދުރުހެލިކުރުމަށް (ޑިޓަރެންސް) އެހީތެރިވެދޭނެ ކަމެއް ކަމަށެވެ. އަދި ބޭނުންކުރާ ވަސީލަތްތަކުގެ ތަފްސީލު ހާމަކޮށްފިނަމަ އެކަމުގެ ނުފޫޒު ކުޑަވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާމަކުރުމާއެކު، ފަޒާގައި އަސްކަރީ ހަތިޔާރު ބެހެއްޓުމުގެ ވާދަވެރިކަން އިތުރުވެގެންދާނެކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. ޚާއްޞަކޮށް ޗައިނާއާއި ރަޝިޔާއިން ފަޒާގެ ވަސީލަތްތަކަށް ނުރައްކާކުރެވޭނެ ހަތިޔާރުތައް އުފައްދަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއިން މިފަދަ ނިންމުމެއް ހާމަކުރުމުން ބައިނަލްއަޤްވާމީ މަސްރަޙުގައި ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

1967 ވަނަ އަހަރުގެ "އައުޓާ ސްޕޭސް ޓްރީޓީ" ގެ ދަށުން ފަޒާގައި ނިއުކްލިއާ އަދި އެހެނިހެން ނުރައްކާތެރި ހަތިޔާރު ބެހެއްޓުން މަނާކޮށްފައިވީ ނަމަވެސް، އާދައިގެ އަސްކަރީ ދިފާއީ ހަތިޔާރު ބެހެއްޓުން އެ އެއްބަސްވުމުން މުޅިން މަނަލެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު