ގުޅީފަޅު. ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
ގުޅީފަޅު. ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަވަސްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 'ބިންވެރިޔާ' ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރި ގޯތިތަކުގެ ތެރެއިން 3،086 މީހަކަށް ބިމުގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމާފައިވާ ކަމަށް ބިނާރާއި އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ގުޅީފަޅުން ޖުމްލަ 3،548 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާއިރު، މިހާތަނަށް ވަނީ އޭގެ 87 އިންސައްތަ ގޯތީގެ ރަޖިސްޓްރީ އާއި އެއްބަސްވުންތައް ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ. އަދި އަމަލީ ގޮތުން ބިން ހަވާލުކުރުމުގެ މަސައްކަތަށް ބަލާއިރު، މިހާތަނަށް 1،393 ފަރާތަކަށް ވަނީ ބިން ދައްކައި، ހަވާލުކޮށްފައެވެ. މިއީ މުޅި ޕްރޮޖެކްޓުގެ ގާތްގަނޑަކަށް 39.3 އިންސައްތައެވެ. މި ބިންތަކުގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ދަނީ ކުރިއަށެވެ.



ގުޅީފަޅުގެ އިތުރުން، ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށްވެސް ބިން ހަވާލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. އެގޮތުން ފޭސް 3 އިން ކަނޑައެޅި 698 ގޯތީގެ ތެރެއިން 641 މީހަކަށް ރަޖިސްޓްރީ ދީފައިވާއިރު، 603 މީހަކަށް މިހާރު ވަނީ ބިންވެސް ހަވާލުކޮށްފައެވެ. އެ ސަރަޙައްދުން ބިން ހަވާލުކުރުމުގައި އަމަލުކުރަމުންދަނީ ރަޖިސްޓްރީ ލިބުމުން، ބިން ސާފުކޮށް އިންވަކިކުރުމަށްފަހު ވެރިފަރާތްތަކަށް އަންގައިގެން ކަމަށްވެސް އެ ވުޒާރާއިން ބަޔާންކުރެއެވެ.



ރައްޔިތުންނަށް ޚިދުމަތް ހޯދުމުގައި ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ގުޅިފަޅުން ގޯތި ހަވާލުކުރި ކަމުގެ ރަސްމީ ލިޔުން މިހާރު "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. ކުރިން މިކަން ކުރަމުން އައީ ގުޅިފަޅަށް ގޮސް ބިން ބަލައި، އެތަނުގައި ތިބެގެން ނަމަވެސް، ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ރަޖިސްޓްރީ ހަދާފައިވާ ފަރާތްތަކަށް މިހާރު ޕޯޓަލް އިން އެ ލިޔުން ލިބޭނެއެވެ. އަދި ތިލަމާލެ ބްރިޖްގެ މަސައްކަތްތަކަށް ބޭނުންކުރަމުންދާ ސަރަޙައްދުތަކުގައި ހުރި ގޯތިތައް، އެތަންތަން ހުސްވިހާ އަވަހަކަށް ވެރިފަރާތްތަކާ ހަވާލުކުރާނެ ކަމަށްވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު