މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
ދުނިޔޭގެ އެންމެ ބޮޑު ޗޮކްލެޓު ވައްކަން އިޓަލީގައި ހިންގާފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ވަގަށް ނެގި ކަމަށް ވަނީ އިޓަލީން ޕޮލެންޑަށް އުފުލި ކިޓްކެޓް ޗޮކްލެޓްތަކެކެވެ. މި ހާދިސާގައި 12 ޓަނަށްވުރެ ގިނަ ޗޮކްލެޓް ގެއްލިފައިވާއިރު، މީގެ ސަބަބުން އީސްޓަރ ބަންދާ ދިމާކޮށް ބާޒާރަށް ނެރެން ހުރި ސްޓޮކަށް ބުރޫއަރާނެ ކަމަށް ބެލެވެއެވެ.

އޭޖެންސް ފްރާންސް-ޕްރެސް (އޭއެފްޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް 413,793 ކިޓްކެޓް ބާ ހިމެނޭ މި ޝިޕްމަންޓް ވަގަށް ނަގާފައިވަނީ ޗޮކްލެޓްތައް އުފުލި ލޮރީ ވިލާތުގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށެވެ. ކިޓްކެޓް ބްރޭންޑްގެ ވެރިފަރާތް ކަމަށްވާ ނެސްލޭ ކުންފުނިން މި ވައްކަން ކަށަވަރުކޮށްދީފައިވާ އިރު، މިކަން ހިނގައިދިޔަ ގޮތް ތަހުގީގު ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މި ޝިޕްމަންޓް ފުރާފައިވަނީ މެދުތެރޭ އިޓަލީގައި ހުންނަ ނެސްލޭގެ ފެކްޓްރީއަކުން ޕޮލެންޑަށް ދިއުމަށެވެ. ކުންފުނިން ބަޔާން ނެރުނުއިރުވެސް، ވަގަށް ނެގި ލޮރީ ނުވަތަ ޗޮކްލެޓްތައް ވެސް ފެނިފައެއް ނުވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

"ހޭވް އަ ބްރޭކް" ޝިއާރުގެ ބޭނުން ވަގުން ހިފައިފި

މި އާދަޔާ ހިލާފު ވައްކަމާ ގުޅިގެން ނެސްލޭ ކުންފުނިން ވަނީ ކިޓްކެޓްގެ މަޝްހޫރު ޝިއާރު ކަމަށްވާ "ހޭވް އަ ބްރޭކް" ބޭނުންކޮށްގެން މަޖާޒީ ގޮތަކަށް ވާހަކަދައްކާފައެވެ.

ކުންފުނިން ބުނި ގޮތުގައި، އެ ކުންފުނިން އަބަދުވެސް މީހުންނަށް ބާރުއަޅަނީ ކިޓްކެޓަކާއެކު މެދުކެނޑުމެއް (ބްރޭކެއް) ނެގުމަށެވެ. ނަމަވެސް، 12 ޓަނުގެ ޗޮކްލެޓާއެކު ފިލައިގެން ދިޔަ ވަގުން، މި ޝިއާރުގެ ބޭނުން ހިފާފައިވަނީ "އޭގެ އަކުރުން އަކުރަށް" މާ މާނަވީ ގޮތަކަށް ކަމަށް އެ ކުންފުނިން ސަމާސާ ރާގަކަށް ބުނެފައިވެއެވެ.

ނަމަވެސް، މި ސަމާސާގެ ފަހަތުގައި ސީރިއަސް ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. މުދާ އުފުލާ އުޅަނދުފަހަރުން ވައްކަން ކުރުމަކީ ވިޔަފާރިތަކަށް މިހާރު ކުރިމަތިވަމުންދާ ބޮޑު ގޮންޖެހުމެއް ކަމަށާއި، ވަގުން މިހާރު ވަރަށް ކުރިއަރާފައިވާ އުކުޅުތައް ބޭނުންކުރަމުންދާ ކަމަށް ނެސްލޭ އިން ފާހަގަކުރިއެވެ.

ގެއްލިފައިވާ ޗޮކްލެޓްތަކަކީ ފޯމިއުލާ ވަން (އެފް1) ގެ ރަސްމީ ޗޮކްލެޓް ބާގެ ގޮތުގައި ކިޓްކެޓުން ނެރެފައިވާ އާ އުފެއްދުންތަކެކެވެ. މި ޗޮކްލެޓްތައް ފަރުމާކޮށްފައިވަނީ ރޭސިން ކާރުގެ ބައްޓަމަށެވެ.

ޝިޕްމަންޓް އަދިވެސް ފެނިފައި ނުވާތީ، ވަގަށް ނެގި މި އުފެއްދުންތައް ހުއްދަނޫން ބާޒާރުތަކުގައި ނުވަތަ އާންމު ނޫން ގޮތްގޮތަށް ވިއްކަން ހުރެދާނެ ކަމުގެ އިންޒާރު ނެސްލޭ އިން ވަނީ ދީފައެވެ. އެހެންކަމުން، ޝައްކުކުރެވޭ ގޮތަކަށް ލިބެން ހުންނަ މިފަދަ އުފެއްދުންތަކަށް ސަމާލުވުމަށް ކަސްޓަމަރުންނާއި މުދާ ވިއްކާ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

ނެސްލޭ އިން ބުނި ގޮތުގައި، ވަގަށް ނެގި ޗޮކްލެޓްތަކަކީ އުފެއްދި ބެޗްތަކަށް ހާއްސަކޮށްފައިވާ ބެޗް ކޯޑުތަކުގެ އެހީގައި ދެނެގަނެވޭނެ ތަކެއްޗެވެ. މި ވައްކަމާ ގުޅޭ މައުލޫމާތު ކުންފުނިން މިހާރު ވަނީ ކަމާބެހޭ އިދާރާތަކަށާއި މުދާ ފޯރުކޮށްދޭ ފަރާތްތަކާ ހިއްސާކޮށްފައެވެ.

މިހާތަނަށް ލޮރީއާއި 400,000 އަށްވުރެ ގިނަ ކިޓްކެޓް ޗޮކްލެޓްގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާއިރު، މިއީ ވިލާތުގައި ހިނގި އެންމެ އާދަޔާ ހިލާފު އެއް ވައްކަމުގެ ގޮތުގައި ވަނީ ބެލެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް