މަޖުނޫންގެ ޓީޒަރު ރިލީޒްކުރުމަށް ބޭއްްވި އިވެންޓުގެ ތެރެއިން، ފޮޓޯ: ނަހުލާ
މަޖުނޫންގެ ޓީޒަރު ރިލީޒްކުރުމަށް ބޭއްްވި އިވެންޓުގެ ތެރެއިން، ފޮޓޯ: ނަހުލާ
ދިވެހި ސިނަމާގެ މަގުބޫލު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ އައު ފިލްމު "މަޖުނޫން" ގެ އޮފިޝަލް ޓްރެއިލާ އަދި އޯޑިއޯ އަލްބަމް ލޯންޗުކުރުމަށް ބާއްވާ ހާއްސަ ހަފްލާގައި ބައިވެރިވުމުގެ ފުރުސަތު 150 ސަޕޯޓަރުންނަށް ހުޅުވާލައިފިއެވެ.

ކްރިސްޓަލް އެންޓަޓެއިންމަންޓުން ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ އާއި ލަވަތައް އާންމުންނަށް ދޫކޮށްލުމަށް ހަމަޖެހިފައިވަނީ، އެކަމަށްޓަކައި ހާއްސަކޮށްގެން މި މަހުގެ 22 ވާ އަންގާރަ ދުވަހުގެ ރޭ 21:00 ގައި އޮލިމްޕަސް ސިނަމާގައި ބާއްވާ ހާއްސަ އިވެންޓެއްގައެވެ.

މި ހާއްސަ އިވެންޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މެސެޖުކުރާ ތަރުތީބުން ނަންނޯޓު ކުރާ ފުރަތަމަ 150 މީހުންނަށެވެ. އެގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯނު ނަންބަރާއި، ބައިވެރިވާ މީހުންގެ އަދަދު ބަޔާންކޮށް މެސެޖު ކުރަންޖެހެއެވެ. ކޮންމެ ފޯނު ނަންބަރަކުން އެންމެ ގިނަވެގެން ބުކް ކުރެވޭނީ 2 މީހުންގެ ޖާގައެވެ.

"މަޖުނޫން" އަކީ ތަގުދީރާ ދެކޮޅަށް ލިޔެވިފައިވާ އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ގިނަ އަދަދެއްގެ ކާމިޔާބު ލޯބީގެ ފިލްމުތައް ދިވެހި ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ މި އައު އުފެއްދުމަކީ ގިނަ ބަޔަކު ނުހަނު ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.

މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު އަހްމަދު ޝާރިފް އަދި މަރިޔަމް ޝިފާއެވެ. މީގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ވާޝިޔާ މުހައްމަދު، އަހްމަދު އީސަ (އާނަންދު)، ސާމީ ހުސައިން ދީދީ، މުހައްމަދު މަނިކުގެ އިތުރުން ލާލީ އަދި އެވްލީ ފެނިގެންދާނެއެވެ.

ފިލްމު "މަޖުނޫން" ރަސްމީކޮށް އޮލިމްޕަސް ސިނަމާގެ ބޮޑު ސްކްރީނަށް އަންނާނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް