ހުއިފިލަނޑާ-
ހުއިފިލަނޑާ-
ދިވެހިރާއްޖޭގެ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ އަގުބޮޑު ބާވަތެއް ކަމަށްވާ "ކައްޗަލަ" ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމުގެ ކޯޓާ 7 ފަރާތަކަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދޫކޮށްފިއެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން ވަނީ ކައްޗަލައިގެ އެން.ޑީ.އެފް އެކުލަވާލައި، ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީ ކަމުގައިވާ އެންވަޔަރަންމަންޓް މިނިސްޓްރީއާ ޙިއްޞާކޮށްފައެވެ. މި ދިރާސާގެ އަލީގައި، ރާއްޖޭގައި ކައްޗަލަ މަސްވެރިކަން ކުރެވޭނެ ހަމަތަކާއި މިންވަރު ކަނޑައަޅައި، ވިޔަފާރީގެ އުސޫލުން އަހަރަކު އެކްސްޕޯޓް ކުރެވޭނީ ހިއްކާފައިވާ ކައްޗަލައިގެ 10.95 ޓަނު ކަމުގައި ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން މިހާތަނަށް ކޯޓާ ދޫކޮށްފައިވާ 7 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް ދޫކޮށްފައިވަނީ 860 ކިލޯގެ ކޯޓާއެވެ.

އެގޮތުން ކައްޗަލަ އެކްސްޕޯޓް ކުރުމަށް ކޯޓާ ލިބުނު ފަރާތްތަކަކީ އޯޝަން ޓައިޑްސް އިންޓަރނޭޝަނަލް، އެސްއެމް އިންވެސްޓްމަންޓް، މަލަކް އިންވެސްޓްމަންޓް، ވިލިނގިލި ފިޝް ވިލެޖް، ސްކައި ގޯ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް، ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ ޕްރައިވެޓް ލިމިޓެޑް އަދި ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓުމަންޓެވެ.

ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) އިން ނޮވެންބަރު 2022 ގައި ބޭއްވި 19 ވަނަ "ކޮޕް" ބައްދަލުވުމުގައި، ކައްޗަލަ ވަނީ އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައެވެ. އަދި އެކަމަށް ޢަމަލުކުރުމަށް ދިން 18 މަސް ދުވަހުގެ މުއްދަތަށްފަހު، 25 މޭ 2024 އިން ފެށިގެން މި ބާވަތަކީ ސައިޓީސްގެ ޖަދުވަލު 2 ގައި ހިމެނޭ ބާވަތެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

ސައިޓީސްގެ މި ޖަދުވަލުގައި ހިމެނޭ ބާވަތްތައް ބައިނަލްއަޤްވާމީ ވިޔަފާރީގައި އެއް ޤައުމުން އަނެއް ޤައުމަށް އެކްސްޕޯޓް ކުރެވޭނީ، އެ ޤައުމެއްގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޫކުރާ ޚާއްޞަ ޕާމިޓް ދޫކުރެވެނީ އެ ޤައުމެއްގެ "ސައިޓީސް ސައިންޓިފިކް އޮތޯރިޓީ" އިން ހަދާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެން.ޑީ.އެފް.) އެސެސްމަންޓަށް ބެލުމަށްފަހުގައެވެ. މިއީ އެ ބާވަތެއް މާހައުލުން ނަގާ މިންވަރަކީ އެ އެއްޗެއްގެ އާބާދީއަށް ގެއްލުން ނުވާނެހެން، ދެމެހެއްޓެނިވި އުސޫލުން ނެގޭ މިންވަރެއްކަން ކަށަވަރު ކުރުމަށް ހަދާ ދިރާސާއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް