ވާރޓިކަލް ޕާމިން ޕްރޮގްރާމު ނިންމުމުގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ
ވާރޓިކަލް ޕާމިން ޕްރޮގްރާމު ނިންމުމުގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ
ޅ. ނައިފަރުގައި ދަނޑުވެރިކަމުގެ ޒަމާނީ އުކުޅުތައް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ވަރޓިކަލް ފާމިންގ އަދި ހައިޑްރޮޕޮނިކްސް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ހާމަކޮށްފައިވާ ގޮތުގައި، ޖުމްލަ 36 ދަނޑުވެރިން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ. މި ތަމްރީނުތަކުގައި ވަރޓިކަލް ފާމިންގގެ އަސާސްތަކާއި، އޮށް އިންދުމާއި، ގަސް މުޑުވައް ތައްޔާރުކުރުމުގެ އިތުރުން ގަސްގަހާގެއްސަށް ބޭނުންވާ ކާނާ މެނޭޖްކުރާނެ ގޮތްތަކާއި އެފަދަ ނިޒާމުތައް އެންމެ އެދެވޭ ގޮތުގައި ބަލަހައްޓާނެ ގޮތުގެ ޢަމަލީ ތަޖުރިބާ ވަނީ ބައިވެރިންނަށް ފޯރުކޮށްދީފައެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމަށާއި، ބިމުގެ ޖާގަ ކުޑަ ރަށްރަށުގައި ޖާގައިގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ތަރުކާރީއާއި މޭވާ އަދި ގޮވާމުގެ ބާވަތްތައް އުފައްދާ މިންވަރު އިތުރުކުރުމުގެ މަޤްޞަދުގައި ހިންގުނު މުހިންމު ހަރަކާތެކެވެ.

ޅ. ނައިފަރުގައި މިހާރު ޤާއިމުކޮށްފައިވާ ވަރޓިކަލް ފާމިންގ ނިޒާމާއި ގްރީންހައުސްއަކީ އދ. ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕީ.ޑީ.އެސް.އޭ.އީ ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރެވިފައިވާ ވަސީލަތްތަކެކެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ފާހަގަކުރާ ގޮތުގައި މި ތަމްރީނުތަކުގެ ސަބަބުން، އަމިއްލައަށް އެފަދަ ނިޒާމުތައް ބިނާކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ދަނޑުވެރިންނަށް ލިބިގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން (ފުޑް ސެކިއުރިޓީ) ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.



ކިޔުންތެރިންގެ ހިޔާލު