ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު
ހަކުރުބަލި ކުރީބައިގައި ދެނެގަނެ، ބަލީގެ ހާލަތު ކޮންމެ މިންވަރެއްގައި ހުރި ނަމަވެސް ކޮންމެ މީހަކަށް ވެސް އަޅާލުމާއި ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ ފަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވިދާޅުވީ، ގިނަ ބަޔަކަށް ހަކުރުބައްޔާ އެކު ދިރިއުޅުމަކީ ދުވަހުން ދުވަހަށް އާދަކާދަތައް ބަދަލުކުރުމާއި، ސިއްހަތަށް ފައިދާހުރި ގޮތްތައް އިޚްތިޔާރުކުރުމާއި އަދި މުޅި އުމުރަށް ފަރުވާ ހޯދުމުގައި ދެމިހުރުން ކަމަށެވެ. އަދި ބައެއް މީހުންނަށް މިއީ ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި ސިއްހީ އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމެއްކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރާއިރު، މި ބަލި ތަހައްމަލުކުރާ އެކި ފަރާތްތަކުގެ ތަފާތު ތަޖުރިބާތައް ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށާއި ބަލީގެ ސަބަބުން ލިބޭ ވޭން ކުޑަކުރުމަށްޓަކައި، ކުރީބައިގައި ފިޔަވަޅު އެޅުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ފަރުވާ ހޯދަމުންދާ އާއިލާގެ މެންބަރަކަށް ނުވަތަ ގާތް މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ގަވާއިދުން ޓެސްޓުތައް ހެދުމަށް ހިތްވަރު ދިނުމާއި، އެންމެން ގުޅިގެން ސިއްހަތަށް ފައިދާހުރި އާދަތައް އަށަގެންނެވުމުގައި ކުރާ ކޮންމެ މަސައްކަތަކީ ވެސް އަގުހުރި މަސައްކަތެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލައްވަމުން ވަނީ ހަކުރުބަލި ކުރީބައިގައި ދެނެގަނެވި، އޯގާތެރިކަމާ އެކު ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް