އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް ދައްކަންޖެހިފައި އޮތް ބޮޑު ދަރަނި މާފުކޮށްދީ، ރާއްޖެއާ ދެކޮޅަށް އަޅާފައިވާ މާލީ ސަސްޕެންޝަން އުވާލުމަށް އޭއެފްސީން ނިންމައިފިއެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އޭއެފްސީން މާފުކޮށްދީފައިވަނީ އެ އިދާރާއަށް އެފްއޭއެމުން ދައްކަންޖެހޭ 253،030 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 3.9 މިލިއަން ދިވެހި ރުފިޔާ) އެވެ. މީގެ އިތުރުން، އެ އެސޯސިއޭޝަނާ ދެކޮޅަށް އަޅާފައި އޮތް ފައިނެންޝަލް ސަސްޕެންޝަން ވެސް އެ ކޮންފެޑެރޭޝަނުން މިހާރު ވަނީ އެއްކޮށް އުވާލާފައެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރު އޭއެފްސީން އެފްއޭއެމަށް ދިން މާލީ އެހީތެރިކަމުގެ ފައިސާއަށް އެ އިދާރާގެ އޭރުގެ ވެރިން ޚިޔާނާތްތެރިވެ، ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އޮޑިޓް ރިޕޯޓްތަކުން ހާމަވުމާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް އޭއެފްސީން ތަކުރާރުކޮށް އެންގި ނަމަވެސް، ކުރީގެ މެނޭޖްމަންޓަށް އެކަން ކުރެވިފައި ނުވާތީ، 2024 ވަނަ އަހަރުން ފެށިގެން އޭއެފްސީން ރާއްޖެއަށް ދޫކުރާ އެންމެހައި ފަންޑުތައް އޮތީ ހިފަހައްޓައި ސަސްޕެންޑުކޮށްފައެވެ.

ނަމަވެސް، އެފްއޭއެމްގެ ކުރީގެ ވެރިންގެ އިހުމާލުން ވެއްޓުނު ފުން އަނދަވަޅުން ދިވެހި ފުޓުބޯޅަ ސަލާމަތްކުރުމަށްޓަކައި، އަލަށް އެކުލަވައިލެވުނު ލީޑަޝިޕުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، އަޅާފައިވާ ފަންޑިންގ ސަސްޕެންޝަން އުވާލުމަށާއި، ބޮޑު ދަރަނި މާފުކޮށްދިނުމަށް އެދި އޭއެފްސީގައި ރަސްމީކޮށް ދެންނެވުމުން، އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީން ވަނީ އެ އެދުމަށް އިޖާބަދީފައެވެ. މި ނިންމުމާއެކު ދަރަނި މާފުވުމުގެ އިތުރުން، އަންނަ އަހަރުން ފެށިގެން އޭއެފްސީގެ މާލީ އެހީތެރިކަމުގެ ޕްރޮގްރާމްތަކަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ވެސް ރާއްޖެއަށް މިހާރު ވަނީ ތަނަވަސްވެފައެވެ.

އެފްއޭއެމުން ފާހަގަކުރި ގޮތުގައި މި ނިންމުމަކީ ދިވެހި ފުޓުބޯޅަ އަލުން އާރާސްތުކޮށް، އިދާރީ އަދި މާލީ ގޮތުން ހަމަމަގަށް އެޅުވުމަށާއި، ބައިނަލްއަގުވާމީ ފުޓުބޯޅަ އާއިލާއާއެކު އޮތް އިތުބާރު އަލުން ހޯދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

އައު ލީޑަޝިޕުން ދުނިޔޭގެ އަދި ސަރަޙައްދީ ފުޓްބޯޅަ އިދާރާތަކާ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ރާއްޖެއަށް ތާރީޚީ ޒިޔާރަތެއް ކުރައްވާފައެވެ. މިއީ ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި ފީފާގެ ރައީސަކު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް ބޭއްވުމަށްޓަކައި ފީފާއިން ވަނީ 266،000 އެމެރިކާ ޑޮލަރު (4.1 މިލިއަން ދިވެހި ރުފިޔާ) ގެ މާލީ އެހީއެއް ވެސް ރާއްޖެއަށް ހަމަޖައްސައިދީފައެވެ.



ކިޔުންތެރިންގެ ހިޔާލު