ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ސްކޫލުތަކުގެ މާޙައުލަކީ ރައްކާތެރި އަދި އުފާވެރި ތަނަކަށް ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިޠާބުގައި ވަޒީރު ވަނީ، ޢިލްމީ، ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން އަދާކުރާ މަތިވެރި ޤުރުބާނީގެ އަގުވަޒަންކުރުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަކުރަށްވާފައެވެ. އަދި މުޖުތަމަޢުގައި މުދައްރިސުންނަށް ލިބިދޭންޖެހޭ ޤަދަރާއި އިޙްތިރާމް މަތިކޮށް، މުދައްރިސްކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ޚިޠާބުގައި ވިދާޅުވީ، "މުދައްރިސުންނަށް ބޭނުންވާ ޒަމާނީ އަދި ފަންނީ ތަމްރީނުތައް ފޯރުކޮށްދީ، މުދައްރިސުންނާއި ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުތަކުގެ މާޙައުލަކީ ރައްކާތެރި، އުފާވެރި ތަނަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،" ކަމަށެވެ. އަދި މި މަސައްކަތްތައް އިތުރު ހަރުފަތްތަކަށް ގެންދިއުމުގައި މިނިސްޓްރީ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހަމައެއާއެކު، މުދައްރިސުންނަކީ ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ދައުރު އަދާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލާ ފަރާތްތައްކަން ފާހަގަކުރަށްވައި، މުދައްރިސްކަމުގެ ފަންނަށް ޙައްޤުވާ ޝަރަފު ދިނުމަށްޓަކައި މިހާރަށްވުރެ ބޮޑު އެއްބާރުލުމެއް ދިނުމަށް ބެލެނިވެރިންނަށާއި މުޅި މުޖުތަމަޢަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

އޭގެއިތުރުން، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގެނުމަށް ލޯބިޖައްސުވައި، ޒިންމާދާރު އަދި އަޚްލާޤު ރަނގަޅު ދަރިވަރުންތަކެއް ބިނާކުރުމަށް މަސައްކަތް ކުރުމަށް މުދައްރިސުންގެ ކިބައިން ވަޒީރު އެދިވަޑައިގެންނެވިއެވެ. އަދި އަމިއްލަ ފަންނީ ކުރިއެރުމަށް އަބަދުވެސް މަސައްކަތްކުރާ، ޓެކްނޮލޮޖީއާއި ޒަމާނީ ބަދަލުތަކަށް އަހުލުވެރި ބަޔަކަށް ވުމަށްވެސް ވަޒީރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހެވެ. ޔުނެސްކޯ އާއި އައިއެލްއޯ ގުޅިގެން 1994 ވަނަ އަހަރު މި ދުވަސް ފާހަގަކުރަން ފެށުމުގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމީ ދާއިރާގައި މުދައްރިސުން ކުރަމުންދާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު