ތައިލޭންޑުގެ ކަމާ ބެހޭ ފަރާތްތަކުން އިމާރާތް ބަލާ ފާސްކުރަނީ
ތައިލޭންޑުގެ ކަމާ ބެހޭ ފަރާތްތަކުން އިމާރާތް ބަލާ ފާސްކުރަނީ
ބޭރުގެ ވިޔަފާރިތަކުގެ ހަރަކާތްތަކާ ގުޅިގެން ކުރިއަށްގެންދާ ތަޙުޤީޤެއްގެ ތެރެއިން، ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ޔަހޫދީ ޖަމާއަތްތަކާއި އިސްރާއީލާ ގުޅުންހުރި ތިން އިމާރާތެއް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުރާސްފަތި ދުވަހު ބަލައިފާސްކޮށްފިއެވެ.

ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، 'ޗަބާދު އޮފް ބެންކޮކް' އިން ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ މިޔަންމާގެ ތިން މަސައްކަތްތެރިން ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ރެސްޓޯރެންޓާއި ހޮޓާ ހިންގުމާ ގުޅުންހުރި ލިޔެކިޔުންތަކާއި، އެއް އެޑްރެހެއްގައި 61 ކުންފުނި ރަޖިސްޓްރީކޮށްފައިވާ ކަމުގެ ރެކޯޑުތައް ވެސް ވަނީ ފެނިފައެވެ.

ޑެޕިއުޓީ އިންޓީރިއާ މިނިސްޓަރު ޕޮލަޕީ ސުވަންޗުވީ ވިދާޅުވީ، މި ބަލައިފާސްކުރުންތަކަކީ ފުކެޓް އަދި ޗަޗޮއެންގްސާއޯގައި ކުރިން ފަށާފައިވާ ތަޙުޤީޤުތަކުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތްތަކެއް ކަމަށެވެ. އަދި އެއްވެސް ބޮޑު ނޫން ކުޑަ އޮފީހެއްގެ އެޑްރެހުގައި ގިނަ އަދަދެއްގެ ކުންފުނިތަކެއް ރަޖިސްޓްރީކޮށްފައި ވަނީ ކީއްވެގެންތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އަތުލައިގަނެވުނު ލިޔެކިޔުންތައް ދިރާސާކޮށް، ކުންފުނި ރަޖިސްޓްރީކުރުމާއި، ބިން މިލްކުކުރުމާއި، މާލީ މުއާމަލާތްތައް އަދި ވިޔަފާރި ހިންގުމުގައި އެއްވެސް ޤާނޫނާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ކަމާބެހޭ އިދާރާތަކުން ބަލަމުންދާނެއެވެ. ނަމަވެސް، މި މައްސަލައިގައި ކުށެއް ސާބިތުވާ ފަދަ އެއްވެސް ނިންމުމެއް އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް