އެމްޑީއެންއިން ނެރުނު "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓް ނެރުނުއިރު އެ ޖަމްޢިއްޔާގެ ރައީސަކަށް ހުންނެވީ މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމްކަމަށް އެ ޖަމްޢިއްޔާގެ އިސްވެރިއަކަށްހުރި ޝަހިންދާ އިސްމާޢީލް ބުނެފިއެވެ.

މައްސަލަ ހޫނުވި އެމްޑީއެންގެ ރިޕޯޓު ލިޔުނުއިރު އެމްޑީއެންގެ ރައީސަކަށް އޭރު ހުންނެވީ މިހާރުގެ ޕީޖީ ޙުސައިން ޝަމީމްތޯ އާއްމުންގެ މީހަކު ސުވާލުކުރުމުން ޝަހިންދާ ބުނީ އޭރު އެ ޖަމްޢިއްޔާގެ ވެރިޔަކީ ޝަމީމް ކަމަށެވެ. ޝަމީމަކީ ޝަހިންދާގެ ކުރީގެ ފިރިކަލުންނެވެ.



މީގެ އިތުރުން ޝަހިންދާ ބުނީ އެމްޑީއެންގެ ޗެއަރޕާރސަނަކަށް ރައީސް އޮފީހުގެ ކައުންޓަރ ޓެރަރިޒަމް ކޮންސަލްޓެންޓުގެ މަޤާމުގައި ހުރި ނޫޝިން ވަޙީދު އިންތިޚާބުވީ އެ ރިޕޯޓް އެކުލަވާލި ފަހުން ކަމަށެވެ. އަދި އެމްޑީއެންގައި އޭނާ މަސައްކަތްކުރާތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށް ޝަހިންދާ ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ޕީޖީ ޝަމީމް އެއްވެސް ކޮމެންޓެއް އަދި ކުރަށްވާފައެއް ނުވެއެވެ.

އެމްޑީއެންއައި އިސްކޮށް މަސައްކަތް ކުރި ބައެއް ފަރާތްތައް މިހާރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ކަމަށް ބުނެ އާންމުން އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން މިހާރުގެ ޕިލިސް ކޮމިޝަނަރއަކީވެސް އެމްއެންޑީއެންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެއްކަމަށް އެނގިފައި ވެއެވެ.

އެމްޑީއެން އިން ނެރުނު އެރިޕޯޓްގައި ރާއްޖޭގައި އިސްލާމްދީން ކިޔަވައި ދިނުމާއި ދީނީ ބައެއް ކަންކަމުގައި ގެންގުޅޭ ގޮތާއި މެދު ފާޑުކިޔާފައި ވެއެވެ. އަދި ކީރިތި ރަސޫލާގެ ބައެއް ވާހަކަތައް ކިޔަވައި ދިނުމާއި ބައެއް ކަންކަން ގަބޫލުކުރަން މަޖުބޫރު ކުރާކަމަށް ބުނެ އިސްލާމް ދީނާއި ޚިލާފު ކަންކަމަށް ހިތްވަރު ލިބޭގޮތަށް ފާޑުކިޔާފައި ވެސް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު