މޯލްޑިވިއަންގެ ފްލައިޓެއް، ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަންގެ ފްލައިޓެއް، ފޮޓޯ: މޯލްޑިވިއަން
ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ފްލީޓް ވަރުގަދަކުރުމުގެ ގޮތުން އެއަރބަސް މަރުކާގެ ޒަމާނީ ދެ މަތިންދާބޯޓު ހޯދުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

މި ފިޔަވަޅަކީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް އިތުރުކޮށް، ފަސިންޖަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް މަތިކުރުމުގެ މަޤްޞަދުގައި އަޅާ މުހިންމު ފިޔަވަޅެކެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސްއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ދުރު ރާސްތާގެ ދަތުރުތަކަށް ގެންނަން ނިންމާފައިވަނީ އެއަރބަސް އޭ220-300 (އޭ220-300) މަރުކާގެ ދެ ބޯޓެވެ. ތެލުގެ ޚަރަދު ކުޑަ އަދި ޒަމާނީ ވަސީލަތްތައް އެކުލެވޭ މި ބޯޓުތައް ހޯދުމަށް ހަމަޖެހިފައިވަނީ އޮޕަރޭޓިންގ ލީސްގެ އުސޫލުންނެވެ.

މި މަޝްރޫޢަށް ޝައުޤުވެރިވާ އަދި ޝަރުތުހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ބޯޓު ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ހިނގާ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ. މީގެއިތުރުން، މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ސުވާލު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އަދި ހުށަހަޅާ ސުވާލުތަކަށް މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެ ކުންފުނިން ޖަވާބު ދޭނެ ކަމަށްވެސް މޯލްޑިވިއަނުން މަޢުލޫމާތުދެއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ބޮޑު ޙިއްޞާއެއް އޮންނަ ޤައުމީ އެއާލައިނުން މިހާރުވެސް ދަނީ ބައިނަލްއަޤްވާމީ ވިއުގަ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް

ކުރަމުންނެވެ. އެގޮތުން މިވަގުތުވެސް ދުނިޔޭގެ 4 ޤައުމެއްގެ 7 މަންޒިލަކަށް އެ އެއާލައިނުން ޝެޑިއުލް ދަތުރުތައް ބާއްވައެވެ. އޭގެ ތެރޭގައި އަވަށްޓެރި އިންޑިއާގެ ދެ ސިޓީއަކާއި، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިތުރުން ޗައިނާގެ ތިން ސިޓީއަކާއި އޮސްޓްރޭލިއާގެ މެލްބަން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު