އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ
އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ
އެކަނި ދަރިން ބަލަހައްޓާ 84 ބެލެނިވެރިއަކު، ސަރުކާރުގެ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ޕްރޮގްރާމުތަކުގެ ދަފުތަރުން ނިމިދިޔަ ސެޕްޓެމްބަރު މަހު އުނިކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ދަފުތަރުން 84 ބެލެނިވެރިންގެ އިތުރުން 154 ކުދިން ވަނީ ވަކިކޮށްފައެވެ. މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީގެ ދަފުތަރުން ވެސް މިދިޔަ މަހު ވަނީ 22 އަންހެނުންނާއި 27 ފިރިހެނުން އުނިކޮށްފައެވެ.

އެކަނިވެރި ބެލެނިވެރިންނަށް އެހީ ދިނުމުގެ ގަވާއިދު ބަޔާންކުރާ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ކޮންމެ ބެލެނިވެރިއަކަށް ކުއްޖަކަށް މަހަކު 1،000 ރުފިޔާގެ މަގުން އެހީ ލިބިގެންދެއެވެ. އަދި މި އެހީގެ ގޮތުގައި އަހަރެއްގެ މައްޗަށް އެންމެ ގިނަވެގެން ދޫކުރެވެނީ 36،000 ރުފިޔާއެވެ.

މި އެހީ ދިނުން މެދުކަނޑާލާ ނުވަތަ ހުއްޓާލާ ސަބަބުތަކުގެ ތެރޭގައި، އެހީ ލިބެމުންދިޔަ މީހާ އަލުން ކައިވެނިކުރުމާއި، ބަލަހައްޓާ ކުއްޖާއަށް 18 އަހަރު ފުރުން ހިމެނެއެވެ. އަދި ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ބެލެނިވެރިޔަކު މިނިވަންވުމާއި، އާއިލާގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުވުމުގެ އިތުރުން، ވަރިކުރި މީހާއާއެކު އަލުން އެއް ގޭބީސީއެއްގައި ދިރިއުޅެން ފެށުން ފަދަ ހާލަތްތަކުގައި ވެސް މި އެހީ މެދުކަނޑާލެވެއެވެ.

އެންސްޕާއިން ދަނީ އިޖުތިމާއީ ރައްކާތެރިކަމުގެ އެކި ޕްރޮގްރާމްތަކުގެ ދަށުން އެހީ ޙައްޤުވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ދަފުތަރުތައް ގަވާއިދުން މުރާޖަޢާކޮށް ޝަރުތު ހަމަނުވާ ފަރާތްތައް ދަފުތަރުން އުނިކުރުމުގެ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު