މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުން، ފޮޓޯ: މިނިސްޓްރީ
މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުން، ފޮޓޯ: މިނިސްޓްރީ
އޯޒޯން ފަށަލަ ހިމާޔަތްކުރުމާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތައް ތަންފީޒުކުރުމުގައި، ހުރިހާ ގައުމުތަކެއްގެ ބައިވެރިވުން ހިމެނޭހެން އަދި ހުރިހާ ފަރާތްތަކެއްގެ ބޭނުންތަކަށް ރިއާޔަތްކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ރާއްޖެއިން ފާހަގަކޮށްފިއެވެ.

ރާއްޖޭގެ ފަރާތުން މިކަން ފާހަގަކުރެއްވީ، މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުން (އެމް.އޯ.ޕީ 38) ގައި ގައުމީ ބަޔާން އިއްވަވަމުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިސް ޔޫސުފެވެ.

މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަލީ ފާރިސް ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން އެންވަޔަރަމެންޓް މިނިސްޓްރީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އޯޒޯން މުއާހަދާތަކުގެ ދަށުން އެކުލަވާލާފައިވާ 'މަލްޓިލެޓަރަލް ފަންޑު' މެދުވެރިކޮށް، ގައުމުތަކަށް ފަސޭހައިން ލިބޭނެ ދެމެހެއްޓެނިވި މާލީ އަދި ފަންނީ އެހީތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމަށް ރާއްޖެއިން ބާރުއަޅާފައިވާ ކަމަށެވެ.

ވަކިން ހާއްސަކޮށް، ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ބަދަލުކުރުމަށާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން ހަކަތަ އިގްތިސާދުކުރެވޭ އަދި ދުނިޔެ ހޫނުވުމަށް ބާރުއަޅާ މިންވަރު ކުޑަ ބާވަތްތަކަށް ރުޖޫއަވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރާއްޖޭގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަންނަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި އަޑުއުފުލައި، އެފަދަ ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ހޯދުމަށް ވަކާލާތު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް