ފޮޓޯ: އެލްޖީއޭ-
ފޮޓޯ: އެލްޖީއޭ-
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު ޢާންމުކޮށްފިއެވެ.

އެލްޖީއޭއިން ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން، އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރަކު ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކުރިން ފަސްކުރެވިފައިވާ މި އިންތިޚާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 31 ވާ ހޮނިހިރު ދުވަހުއެވެ.

އެލްޖީއޭއިން ޢާންމުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ 2026 އޮކްޓޫބަރު 31 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށެވެ.

މި އިންތިޚާބުގެ ވޯޓުނެގުން ކުރިއަށް ގެންދިއުމަށްޓަކައި އެކި ސަރަޙައްދުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލެ ސިޓީގައި ވޯޓުފޮށި ހުންނާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައެވެ. އަތޮޅު ތެރޭގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކުގައި ވޯޓު ފޮށި ބަހައްޓާއިރު، އައްޑޫ ސިޓީ ހުޅުދޫގައި ވޯޓުފޮށި ބަހައްޓާނީ ހުޅުދޫ އިޖްތިމާޢީ މަރުކަޒު ގައެވެ.

އެލްޖީއޭގެ ބޯޑަށް މި ދެ ދާއިރާއިން މެންބަރުން އިންތިޚާބު ކުރުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު ފުޅާކޮށް، ސިޔާސަތުތައް އެކަށައެޅުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރު ކުރުމަށްޓަކައި ޤާނޫނުގައި ލާޒިމުކޮށްފައިވާ މުހިންމު ކަމެކެވެ. މިއާއެކު، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް